18 Mar 2015, 14:18
ޔޫއެފާ ޗެންޕިއަންސް ލީގުގައި ރޭ އާސެނަލް 2-0ގެ ނަތީޖާއަކުން މޮނާކޯގެ މައްޗަށް ކުރި ހޯދި ނަމަވެސް، އަވޭ ގޯލްގެ ތަފާތުން އެންމެ ފައިދާ ލަނޑެއް ދަށްވުމުން، އާސެނަލް އެ މުބާރާތުން ކަޓައިފި އެވެ.
އާސެނަލް އެ މުބާރާތުން ކަޓާފައި ވަނީ ގަދަ 16ގެ ފުރަތަމަ ލެގުގައި އެ ޓީމް 3-1ގެ ނަތީޖާއަކުން މޮނާކޯ އަތުން ބަލިވުމުންނެވެ. އެހެން ކަމަށް ވުމުން، އާސެނަލް މުބާރާތުގެ ކުއާޓާއަށް ދަތުރުކުރަން ރޭގެ މެޗު އެ ޓީމް ކާމިޔާބު ކުރަން ޖެހެނީ ތިން ލަނޑުގެ ތަފާތަކުންނެވެ.
ރޭ މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗު އެއްކޮށްހެން ކޮންޓްރޯލް ކޮށްފައި ވަނީ އާސެނަލް އެވެ. މޮނާކޯ ޑިފެންސަށް އިސްކަން ދީގެން މެޗު ކުޅުންތަން ފެނިގެން ދިޔަ އިރު، މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިން ކުޅުމުގެ އިތުރުން، އާސެނަލް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އުފައްދާފަ އެވެ.
މޮނަކޯގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި، އާސެނަލްއަށް ލިބުނު ފުރަތަމަ ފުރުސަތުގައި އެ ޓީމްގެ ހެކްޓާ ނަގައިދިން ބޯޅަ ޖިރޫ ބޮލުން ކުރިއަށް ފޮނުވާލި އިރު، އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި 22 ވަނަ މިނެޓުގައި ނެގި ހިލޭ ޖެހުމަކުން އާސެނަލްގެ ކޮޝިލްނީ ފޮނުވާލި ޝޮޓު މޮނާކޯގެ ގޯލް ދަނޑިއަށް އަމާޒުވިއިރު، އޭނާއަށް ހުރެވުނީވެސް އޮފްސައިޑުގަ އެވެ.
އާސެނަލްއަށް މެޗުގެ ލީޑު ނެގުނީ 36 ވަނަ މިނެޓުގައި ޖިރޫ އުފެއްދި ބާރު ޝޮޓު މޮނާކޯގެ ކީޕަރު ދިފާއު ކުރުމުން، ރީބާއުންޑްގެ ބޭނުން ހިފާ ދެވަނަ ފަހަރަށް ޖިރޫ ފޮނުވާލި ޝޮޓު މޮނާކޯ ގޯލްގެ މަތީ ދާގަނޑަށް އަމާޒު ވުމުންނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ވެސް އާސެނަލްގެ ވެލްބެކް އާއި ޖިރޫ މޮނާކޯގެ ގޯލަށް ދެ ޝޮޓު އަމާޒުކޮށްލި ނަމަވެސް، އެ ޓީމަށް އެ ހާފްގައި އިތުރަށް ލީޑު ފުޅާ ކޮށްލެވިފައެއް ނުވެ އެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް އާސެނަލް މެޗު ކޮންޓްރޯލް ކުރަމުން ގޮސްފައިވާ އިރު، އެ ޓީމްގެ ފޯވާޑް ލައިނުން އޮޒިލް އާއި ރަމްސީ އަދި ވެލްބެކް އާސެނަލްއަށް ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސް ކޮށްދީފަ އެވެ. އާސެނަލްއަށް އިތުރަށް ލީޑު ފުޅާ ކޮސްލެވޭ ގޮތް ވީ 79 ވަނަ މިނެޓުގައި ރަމްސީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެޗުގެ ފަހު ވަގުތުކޮޅު އާސެނަލް ދިޔައީ އިތުރު ލަނޑެއް ކާމިޔާބު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެޗުގެ ފަހު ވަގުތުކޮޅު ޖިރޫ އާއި ސަންޗޭޒް މޮނާކޯގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާ ފޮނުވާލި އިރު، އެ ހަމަލާތައް ދިފާއު ކުރީ މޮނާކޯގެ ކީޕަރު ޑެނިއެލް ސޮބަސިކް އެވެ.
އެ ހަމަލާތަކާ އެކު މެޗު ނިމިގެން ދިޔައީ ވިދިވިދިގެން ފަސް ވަނަ އަހަރަކަށް އާސެނަލް ޔޫސީއެލްގެ ގަދަ 16 އިން ކަޓައިންނެވެ. ނަމަވެސް މޮނާކޯ މިހާރު މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައިވާ އިރު، މިއީ 2004 ކުން ފެށިގެން އެ ޓީމް އެ މުބާރާތުގެ ކުއާޓާއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.