18 Mar 2015, 14:09
ކައުންސިލްތަކުގެ އުމުރު، ގާނޫނު އަސާސީ އިން އުނިކުރުމަށް ފަހު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކަށް އެ ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމައިފި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަންފައި ވަނީ 50 މެމްބަރުންގެ ވޯޓުން ނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އިންތިހާބު ކުރަން ޖެހޭ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ.
އަދި ހަމައެއާ އެކު އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.
އާމިރު ވިދާޅުވީ، އެ ގޮތަށް އިސްލާހު ހުށަހެޅުއްވުމުގެ ބޭނުމަކީ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ ދަށުން އުފެދި ހިންގަމުންދާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ރައްޔިތުންނަށް ފައިދާކުރަނިވި ކަމެއް ކަމަށެވެ. އަދި ހަމައެއާ އެކު އެ ނިޒާމަކީ ނަތީޖާ ހާސިލުކުރަނިވި މިންގަނޑުތަކުގެ ތެރޭގައި ގާއިމްވެފައިވާ ނިޒާމަކަށް ވާންޖެހޭ ކަމަށް އާމިރު ވިދާޅުވި އެވެ.
"ގާނޫނުގައި ކުރިން ނަންގަނެވުނު ނިޒާމާ ގުޅޭ ތަފްސީލްތައް ގާނޫނު އަސާސީއަށް ވުރެ ފުޅާ ގޮތެއްގައި ލިޔެވި ބަޔާން ކުރެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ހިނދު އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސަކީ އެކައުންސިލްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރެވޭ ބައެއްގެ ގޮތުގައި އޮތުމަށް ވުރެއް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވައިލެވޭނެ އެންމެ ފުރިހަމަ ގޮތް،" އިސްލާހު ހުށަހެޅުއްވި ސަބަބަކަށް އާމިރު ވިދާޅުވެފައިވެ އެވެ.