18 Mar 2015, 13:45
ސިންގަޕޫރުގެ ފުރަތަ ބޮޑުވަޒީރު އަދި ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫގެ ހާލުކޮޅު އިތުރަށް ސީރިއަސްވެއްޖެ ކަމަށް ސިންގަޕޫރު ސަރުކާރުން ބުނެފި އެވެ.
ސިންގަޕޫރުގެ ބާނީ އަދި "ބައްޕަ" މީގެ ހަ ހަފްތާ ކުރިން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ހިތުގެ އާލާސްފުޅަކާ ގުޅިގެންނެވެ.
ސިންގަަޕޫރު ސަރުކާރުން އިއްޔެ ނެރުނު ކުރު ބަޔާނެއްގައި ބުނީ އިންފެކްޝަންގެ ސަބަބުން ބޮޑުވަޒީރުގެ ހާލުކޮޅު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.
ލީ،91، ފަރުވާ ހޯއްދަވަމުން އަންނަނީ ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލްގަ އެވެ. އަދި އެ މަނިކުފާނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. މިދިޔަ މަސް ނިމުނު އިރު ސިންގަޕޫރުގެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ ލީގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް ފަހުން ނެރުނު ބަޔާނެެއްގައި ބުނީ އިތުރު ކުރިއެރުމެއް ލިބެމުން ނާންނަ ކަމަށެވެ.
އިންފެކްޝަންގެ ސަބަބުން ލީ ކުއާން ޔޫގެ ހާލު ވަނީ އިތުރަށް ގޯސްވެފައި. ލީ އޮންނެވީ އެންޓިބައިޓިކްސްގެ ބާރުގައި. ޑޮކްޓަރުން އަންނަނީ ވަރަށް ގާތުން އެ މަނިކުފާނުގެ ހާލުކޮޅު ބަލަމުން." ލީ ކުއާން ޔޫގެ ދޮށީ ދަރިކަލުން އަދި ޕްރައިމިނިސްޓަރު ލީ ހުސައިން ލޫންގެ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުންޏެވެ.
ލީ 2013 ވަނަ އަހަރު ނެރުއްވި ފޮތެއްގައި ވިދާޅުވީ އެ މަނިކުފާނަށް ބަލިކަމުގެ އިހްސާސް ކުރެވޭ ކަމަށާއި އަދި އަވަހަށް އަވަހާރަ ވުމަށް އެދޭ ކަމަށެވެ.
ލީ އަކީ އޭޝިޔާގައި ސިޔާސީ ގޮތުން ތަނބެެއްގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ. އެ މަނިކުފާނު ވަނީ، އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތް އިރު މަދިރި ހާއްޔެއްގެ ގޮތުގައި އޮތް ސިންގަޕޫރު އެއް ވަނަ ދުނިޔޭގެ މިނިވަން ގައުމަކަށް ބަދަލުކޮށް، އަދި ދުނިޔޭގެ ފައިނޭޝަލް "ޕަވާ ހައުސަކަށް" ބަދަލުކޮށްފަ އެވެ. ލީގެ ހާލުކޮޅު ދަށަށް ދިޔަ ކަމުގެ ހަބަރާ އެކު ސިންގަޕޫރު ޑޮލަރުގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ.
ލީގެ ދަރިކަލުން، ލީ ހުސައިން ލޫންގް އަކީ ސިންގަޕޫރުގެ ތިން ވަނަ ބޮޑުވަޒީރެވެ. އޭނާ އެ މަގާމަށް ހޮވާފައި ވަނީ 2004 ވަނަ އަހަރު އެވެ. ޕްރޮސްޓޭޓް ކެންސަރުގެ އޮޕަރޭޝަނަކަށް ފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ މަހު 18 ވަނަ ދުވަހު އެވެ.
ކެމްބްރިޖުން ގާނޫނު ކިޔަވައި ވިދާޅުވެފައިވާ ލީ ކުއާން ޔޫ ވަނީ ސިންގަޕޫރަކީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމަށް ހައްދަވައިފަ އެވެ.
ނަވާރަސަ ސަތޭކަ ފަންސާސް ނުވަ ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ވެރިކަން ކުރަމުން އަންނަ، ޕީޕަލްސް އެސޯސިއޭޝަން ޕާޓީ (ޕީއޭޕީ) އުފެއްދި އެއް ބާނީ އަކީ ވެސް ލީ ކުއާން ޔޫ އެވެ. އަދި 1965 ވަނަ އަހަރު މެލޭޝިޔާގެ ދަށުން މިނިވަން ގައުމެއްގެ ގޮތުގައި ސިންގަޕޫރު އުފަން ކުރުވީ ވެސް ލީ އިސްވެ ހުނަވައިގެންނެވެ. ލީ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ 1990 ވަނަ އަހަރު އެވެ.
އެންމެ ފަހުން 2011 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ޕާލަމެންޓްގެ 93 ޕަސެންޓް ގޮނޑިި ހޯދީ ޕީއޭޕީ އިންނެވެ. ނަމަވެސް އާންމުންގެ ތާއީދު ވަނީ 60 ޕަސެންޓަށް ވެއްޓިފަ އެވެ. ވޯޓް ލާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ސިންގަޕޫރުގައި ދިރިއުޅުމުގެ ހަރަދު ބޮޑު މައްސަލަ އެވެ.