މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ތިން ކުންފުންޏަކާ ހަވާލުކޮށް، ހައްޖަށް މީހުންގެ ގެންދިއުމަށް ނަގާނެ އަގެއް އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު އަލީ ވިދާޅުވީ، މި އަހަރު ހައްޖަށްދާ ކޮންމެ މީހެއްގެ އަތުން ނަގަން ކަނޑައަޅާފައި ވަނީ 69،969 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން، މިއަދުގެ ރަސްމިއްޔާތުގައި މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތައް އިވަލުއޭޓް ކުރުމަށް ފަހު ހޮވުނު އެންމެ ރަނގަޅު ތިން ކުންފުންޏަށް ވަނީ ހުއްދަ ހަވާލުކޮށްފަ އެވެ.

އެގޮތުން، މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައި ވަނީ، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި މިނާ ހައްޖު އެންޑް އުމްރާ ގްރޫޕް އަދި ޒައީ ގްރޫޕަށެވެ. އެ ތިން ކުންފުންޏަށް ވެސް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހުއްދަ ހަވާލުކޮށްދެއްވީ، ސްޓޭޓް މިނިސްޓަރު މުހައްމަދު އަލީ އެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް މިއަހަރު ރާއްޖެ އަށް ލިބިފައި ވަނީ 800 މީހުންގެ ކޯޓާ އެވެ. އޭގެ ތެރެއިން މިއަދު ހުއްދަ ހަވާލުކުރި ކޮންމެ ކުންފުންޏަކަށް ވެސް ލިބޭނީ 134 ކޯޓާ އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދޫކުރި ނަމަވެސް، އާ އުސޫލުގެ ދަށުން ހައްޖަށް ދިއުމަށް މީހުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ކުންފުނިތަކަށް ހުޅުވާލެވޭނީ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކޮންމެ ކުންފުންޏަކުން ވެސް އެ ކުންފުނީގެ އޮފީހެއް ގާއިމްކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.