އޭޝިޔާގެ ބޮޑެތި ކަނޑުތަކަށް ސޯމާލިޔާގެ ކަނޑު ފޭރޭ މީހުން ފެތުރިފައިވާ ކަމަށާއި ފޭރޭ މީހުންގެ ނުރައްކާތެރިކަން އެންމެ ބޮޑީ ދިވެހިރާއްޖެ އަށް ކަމަށް އެމެރިޔާގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރެއް ކަމަށްވާ އެޑްމިރަލް ރޮބަޓް ވިލާޑް ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަނުގައި ހުންނަ އޭޝިޔާ ސޮސައިޓީގެ ސެންޓަރުގައި މިދިއަ ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ރޮބަޓް ވިދާޅުވި ކަމަށް ނިއުޔޯކް ޓައިމްސް ފަދަ ބޮޑެތި ނޫސްތަކުގައި ބުނެފައި ވަނީ ސޯމާލިޔާގެ ފޭރޭ މީހުންގެ ނުރައްކާތެރިކަން ރާއްޖޭގެ އިތުރުން އޭޝިޔާގެ އެހެން ގައުމުތަކަށް ވެސް ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ކަނޑުފޭރޭ މީހުންގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު އެކަމަށް އޮތް ހައްލަކީ ސޯމާލިޔާގައި ހަމަޖެހުން ގާއިމް ކުރުން ކަމަށެވެ.

ނިއުޔޯކް ޓައިމްސްގައި ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށާއި ގިނަ އަދަދަކަށް ސޯމާލިޔާގެ އުޅަނދުތައް ރާއްޖެ އަންނަމުންދާ ވާހަކަ ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.

ކޮމާންޑަރުގެ ވާހަކަފުޅުގައި ގުޅިފައިވާ ގައުމުތަކުން އޭޝިޔާގެ ބޮޑެތި ކަނޑުއޮޅި ތަކުގައި ފޯރިމަރަން ފެށިފަހުން ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް ކުޑަކުރެވިފައިވާ ކަމަށް ވެސް ނޫސްތަކުން ބުނެފައި ވެއެވެ.
ރޮބަޓް މިހެން ވިދާޅުވެފައިވާއިރު މިދިޔަ މަހު ރާއްޖެ ވަޑައިގަތް އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް ސްޓެއިންބާގްވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހަދަށް ކުރިމަތިވެފައިވާ ކަނޑުފޭރޭ މީހުންގެ ދުއްތުރާ ތަކާއި މެދު ކަންބޮޑުވެ ވަޑައިގަންނަވައި ކަމަށާއި އެކަމުގައި ރާއްޖެއަށް ވެވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ރާއްޖެއަށް ވަނީ ސޯމާލިޔާގެ ޑިންގީތައް މީހުނާއެކު ގޮނޑުވާން ފަށައިފަ އެވެ. އެގޮތުން މީހާރުވެސް ސޯމާލިޔާގެ 34 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުވެސް ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ ސޮމާލިޔާގެ ބަޔަކާއި އެކު އުޅަދުތަކުތަކެއް އަތުލައިގެންފަ އެވެ.