18 Mar 2015, 12:44
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ރޭގެ މުޒާހަރާގައި ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން ދެ މީހަކީ އަންހެނުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، ރޭ ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ބަޔަކާއި އެއްވުން ކުރިއަށް ދަނިކޮށް އެއްވުމަށް ވަދެ ހަމަނުޖެހުން ހިންގި ބަޔަކު ވެސް ހިމެނޭ ކަމަށެވެ.
ރޭގެ މުޒާހަރާ ފަށާފައި ވަނީ އުސްފަސްގަނޑު ސަރަހައްދުން ނެވެ. މުޒާހަރާ ފަށައިގެން މުޒާހަރާގެ ބައިވެރިން ފުރަތަމަ ގޮސްފައި ވަނީ ސީގަލް ކަންމައްޗަށެވެ. އަދި އެ ސަރަހައްދުގައި އަޑު އުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހީ ޗާންދަނީ މަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަށްޗަށެވެ.
އެ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުން ދަނިކޮށް ގުރޫޕަކުން އައިސް ވަނީ ކަޅު ތެލާ ޕެޓްރޯލް ހުރި ޕެކެޓުތަކެއް މުޒާހަރާގެ ބައިވެރިންގެ ތެރެއަށް އުކާފައެވެ.
ފުލުހުން ވަނީ ތަނުގެ އާންމު މަސްލަހަތު ގެއްލެމުންދާތީ އެސަރަހައްދު ދޫކޮށް ދިއުމަށް މުޒާހަރާގެ ބައިވެރިންނަށް އަންގާފައެވެ. އެހެންނަމަވެސް އެސަރަހައްދުގައި ތިބި މީހުން ފޮނުވާލާކަށް ފުލުހުން އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.