އަންނަ މަހުން ފެށިގެން އިމްޕޯޓް ޑިއުޓީއަށް އަންނަ ބަދަލުގެ ސަބަބުން ތަކެތީގެ އަގުބޮޑުވެގެން އާންމު ރައްޔިތުންނަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.

ދާދިފަހުން އެމަގާމާ ހަވާލުވެ ވަޑައިގެން ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައްބާސް ވިދާޅުވީ އޭޕްރީލް މަހުން ފެށިގެން ޑިއުޓީ ބޮޑުވާނީ ސިނގިރޭޓާއި އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ އިތުރުން ބައެއް ލަގްޒަރީ ކޮސްމެޓިކްސް އައިޓަމްތަކުން ކަމަށްވާ އިރު ކާބޯތަކެތިން ޑިއުޓީ އެއްވެސް ވަރަކަށް ބޮޑުނުވާނެ ކަމަށެވެ. އެހެންކަމުން ޑިއުޓީ އަށް ބަދަލު އަންނަ ތަކެތީގެ ސަބަބުން އާންމު ރައްޔިތުންނަށް އޭގެ އެއްވެސް އަސަރެއް ކުރާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

"އާންމުރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް މީގެ އަސަރު ޑިއުޓީ ބޮޑުވެޔޭ މިބުނާ މަފްހޫމުގައި ޑިއުޓީ ބޮޑުވެގެން ތަކެތީގެ އަގު ބޮޑުވާނެޔޭ ބުނާ މަފްހޫމުގައި ކުރާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން." އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އާންމު ރައްޔިތުން ބޭނުން ކުރާ ކޮސްމެޓިކްސްގެ ތެރެއިން 60 ޕަސެންޓް ހުރީ ޑިއުޓީ ބޮޑުނުވާ ގޮތަށް ކަމަށެވެ.

"އޭގެ ތެރޭގައި ބޮޑީ ސްޕުރޭ އާއި އާންމު ރައްޔިތުން މިގެންގުޅޭ ލޯޝަނާއި މިހުރިހާ އެއްޗެއް ހުރީ ލަގްޒަރީ ކޮސްމެޓިކްސް ކެޓަގަރީއަށް ފޯލް ނުވާގޮތަށް،" އައްބާސް ވިދާޅުވި އެވެ.

ޑިއުޓީއަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ ފަރާތުން ބޮޑު މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އެއްގަމުގައި ދުއްވަން ގެންނަ އުޅަނދުތަކުން ޑިއުޓީ ބޮޑުވާ އިރު ޓޫރިޒަމް ދާއިރާ އަށް އެތެރެކުރާ ކަނޑުގެ އުޅަދުތަކުން ޑިއުޓީ މާފު ކޮށްދެވޭނެ ކަމަށާއި އެއީ ޓޫރިޒަމް ދާއިރާއަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ވިޔަފާރިވެރިންނަށް ކަސްޓަމްސް އިން ބޮޑު އެއްބާރުލުމެއް ދޭނެ ކަމަށާއި އެގޮތުން އޭޕްރީލް މަހުން ފެށިގެން ޑިއުޓީ ބޮޑުވާ ތަކެތި މިހާރުން ފެށިގެން ވެސް ރާއްޖެ އެތެރެކޮށް ސުޓޮކް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.