18 Mar 2015, 12:20
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައިފި އެވެ.
އެފްއޭއެމްގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައި، އެ ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިއަދު އެފްއޭއެމް ހައުސްގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޖެނެރަލް ސެކްރެޓެރީ ބައްސާމް އަދީލް ޖަލީލް އެވެ. އަދި މޯލްޑިވިއަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބްދުލް ހާރިސް އެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީ ބައްސާމް ވަނީ އެފްއޭއެމް އަކީ ވަރަށް ބޮޑު ހަރަދެއް ދަތުރުފަތުރަށް ކުރަން ޖެހޭ އެސޯސިއޭޝަނެއްކަން ފާހަގަކޮށް، އެ އެއްބަސްވުމުގެ ދަށުން އެފްއޭއެމްގެ ޓްރެވަލް ބަޖެޓަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަން ފާހަގަ ކޮށްފައެވެ.
އެ އެއްބަސްވުމާ ބެހޭ ގޮތުން މައުލޫމާތު ދެމުން ބައްސާމް ވިދާޅުވީ، އެ އެއްބަސްވުމަކީ 2016 ވަނަ އަހަރުގެ ނިޔަލަށް ވެވުނު އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާލައިން ތަކުގެ ޓިކެޓު އެންމެ އަގުހެޔޮ ރޭޓުގައި ލިބުމުގެ އިތުރުން، މޯލްޑިވިއަންއިން އެފްއޭއެމްގެ ދަތުރު ފަތުރުތަކުގައި އެންމެ ހެޔޮ އަގެއްގައި އެކޮމޮޑޭޝަންގެ ކަންކަންވެސް ހަމަޖައްސައިދިނުމަށް އެއްބަސްވެވިފައި ވާކަމަށެވެ.
ބައްސާމްގެ އިތުރުން އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވީ، މިހާރު އެފްއޭއެމަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ޒޯންތައް ތިންވަނަ ޑިވިޝަންގައި ހިމެނޭގޮތަށް އެފްއޭއެމުން ކަނޑައަޅާފައި ވުމުން، ޑޮމެސްޓިކް ދަތުރުފަތުރުގައި މި އެއްބަސްވުމުގެ ދަށުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެ ކަމަށެވެ.
މޯލްޑިވިއަންގެ ފަރާތުން އެ ކުންފުނީގެ އެމްޑީ ހާރިސް ވިދާޅުވީ، މި އެއްބަސްވުމަކީ އިގްތިސާދީ ގޮތުން ލިބޭނެ ފައިދާތަކަކަށްޓަކައި ވެފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް ވުމުގެ ބޭނުމަކީ، ފުޓްބޯޅައަކީ ރާއްޖޭގެ އެންމެންވެސް ވަރަށް ސަޕޯޓްކުރާ ކުޅިވަރެއް ކަމަށް ވުމުން، އެފްއޭއެމާ ގުޅިގެން އެ ކުޅިވަރު ކުރިއެރުވުމަށް ވީހާވެސް ގިނަ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
އޭގެ އިތުރުން ހާރިސް ވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މިހާރު ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ކުރަމުންދާ މަސައްކަތާމެދު ހިތްހަމަޖެހުން ފާޅުކޮށް، އެ މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.
މޯލްޑިވިއަންއަކީ ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރު ކުރުމުގެ އިތުރުން، ބައިނަލްއަގްވާމީ ގޮތުން ޗައިނާ އާއި، އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލަދޭޝް އަށްވެސް ދަތުރުތައް ކުރާ އެއާލައިނެކެވެ. އަދި މޯލްޑިވިއަންގެ ޓިކެޓްތަކުގެ އިތުރުން، އެ އެއާލައިންގެ ޓްރެވަލް ޑެސްކުން އެމިރޭޓްސް އާއި އިއްތިހާދު ފަދަ ބޮޑެތި އެއާލައިންތަކުގެ ޓިކެޓްތައްވެސް ލިބެން ހުރެއެވެ.