18 Mar 2015, 12:19
އިންގްލޭންޑުގެ ކޯޓެއްގައި ބަރަހަނާ މަންޒަރުތަކެއް ބެލި ތިން ފަނޑިޔާރަކު ވަޒީފާއިން ވަކިކޮށްފި އެވެ.
އިންގްލޭންޑާއި ވޭލްސްގެ ޖުޑީޝަރީގައި ހުންނަ މައްސަލަތައް ބަލާ ޖުޑީޝަލް ކޮންޑަކްޓް އިންވެސްޓިގޭޝަންސް އޮފީސް (ޖީސީއައިއޯ) ތަރުޖަމާން ވިދާޅުވީ، ފަނޑިޔާރު ކަމުގެ މަގާމުން ވަކިކޮށްފައިވަނީ ޑިސްޓްރިކްޓް ފަނޑިޔާރު ޓިމޮތީ ބައުލްސް އާއި އިމިގްރޭޝަންގެ ފަނޑިޔާރު ވޯރެން ގްރާންޓް އާއި ޑެޕިއުޓީ ޑިސްޓްރިކްޓް ފަނޑިޔާރު އަދި ރިކޯޑަރު ޕީޓާ ބަލޮކް ކަމަށެވެ.
އެ ތިން ފަނޑިޔާރުން ވެސް މަގާމުން ވަކިކޮށްފައިވަނީ، އޮފީހުގައި ބޭނުންކުރާ ޖުޑީޝަރީގެ އައިޓީ އާލާތްތަކުން ބަރަހަނާ މަންޒަރުތަކެއް ބެލި ކަމަށް ބުނެ ހުށަހެޅުނު ތުހުމަތުތަކެއް، ތަހުގީގު ކުރުމަށްފަހު އެވެ. މީގެ އިތުރުން ޖުޑީޝަރީގެ އައިޓީ އެކައުންޓުން ކަމާ ނުގުޅޭ އެއްޗެހި ތަކެއް ބެލިކަމަށް ބުނެ، އިތުރު ފަނޑިޔާރެއް ކަމަށްވާ، އެންޑްރޫ މައޯ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް މައްސަލަ ބަލައި، މަގާމުން ވަކިކުރުމުގެ ކުރިން އޭނާ އަމިއްލައަށް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ބަރުހަނާ މަންޒަރުތަކެއް ބެލި ނަމަވެސް، ކުޑަ ކުދިން އަދި ގާނޫނާ ހިލާފު އެޗެއް އޭގައި ނެތުމުގެ ސަބަބުން ލޯޑް ޗާންސެލަރާއި ޗީފް ޖަސްޓިސް އެކަމާ ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.
އެހެން ނަމަވެސް އެބޭފުޅުން ވަނީ މަގާމުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފާފައި ކަމަށާއި އެކަމަކީ އެއްވެސް ހާލަތެއްގައި ގަބޫލު ކުރެވޭ ވަރުގެ އަމަލެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.