ކައުންސިލްތަކުގެ އުމުރު، ގާނޫނު އަސާސީން އުނިކުރުމަށް ފަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ގާނޫނަކަށް ބަދަލުކުރުމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރަންޖެހޭ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ.

އަދި ހަމައެއާއެކު އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.

އާމިރު ވިދާޅުވީ، އެ ގޮތަށް އިސްލާހު ހުށަހެޅުއްވުމުގެ ބޭނުމަކީ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ ދަށުން އުފެދި ހިންގަމުންދާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ރައްޔިތުންނަށް ފައިދާކުރަނިވި ކަމެއް ކަމަށެވެ. އަދި ހަމައެއާއެކު އެ ނިޒާމަކީ ނަތީޖާ ހާސިލުކުރަނިވި މިންގަނޑުތަކުގެ ތެރޭގައި ގާއިމްވެފައިވާ ނިޒާމަކަށް ވާންޖެހޭ ކަމަށް އާމިރު ވިދާޅުވި އެވެ.

"ގާނޫނުގައި ކުރިން ނަންގަނެވުނު ނިޒާމާ ގުޅޭ ތަފްސީލްތައް ގާނޫނު އަސާސީއަށް ވުރެ ފުޅާ ގޮތެއްގައި ލިޔެވި ބަޔާން ކުރެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ހިނދު އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސަކީ އެކައުންސިލްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރެވޭ ބައެއްގެ ގޮތުގައި އޮތުމަށް ވުރެއް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވައިލެވޭނެ އެންމެ ފުރިހަމަ ގޮތް،" އިސްލާހު ހުށަހެޅުއްވި ސަބަބަކަށް އާމިރު ވިދާޅުވެފައިވެ އެވެ.

މިއަދުގެ ޖަލްސާގައި މި އިސްލާހަށް މާ ގިނަ ފަރާތްތަކަކުން ބަހުސް ކުރައްވާފައި ނެތުމުން މިހާރު މަޖިލިސް ވަނީ މެދު ކަނޑާލައިފައެވެ. ދެން މިއަދު މަޖިލީހުގައި އޮންނާނީ ވޯޓަށް އަހަންޖެހޭ ކަންކަމަށް ވޯޓަށް އެހުމެވެ.