ނ. ވެލިދޫގައި މީހަކު ބަނޑަށް ތިންމަހުގައި އެބޯޓުކޮށްލުމަށް ފަހު ވަޅުލި ދަރިފުޅުގެ ހަށިގަނޑުގެ ބައިތައް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، 18 އަހަރުގެ އަންހެން މީހާ އެބޯޓުކޮށްލި ތުއްތު ކުއްޖާގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ އެ އަންހެން މީހާ ދިރިއުޅުނު ގޭގެ ގޯތިތެރެއިން ކަމަށެވެ. ފުލުހުން ބުނީ ތުއްތު ކުއްޖާގެ ހަށިގަނޑުގެ ބައިތައް ފުލުހުންގެ ފޮރެންސިކުން މިހާރު ތަހުލީލު ކުރަމުން އަންނަ ކަމަށެވެ.

ނަހަލާލަށް ބަލިވެ އިނދެ ދަރިފުޅު އެބޯޓުކޮށްލި މައްސަލައާ ގުޅިގެން 18 އަހަރުގެ އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ އަންހެން މީހާ ދޫކޮށްލި ނަމަވެސް އޭނާއާ ސުވާލުކޮށް ތަހުގީގު ކުރިއަށްގެންދާ ކަމަށެވެ.

'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބާރުގަދަ ބޭހެއް ބޭނުންކޮށްގެން އަންހެން މީހާ ދަރިފުޅު ވައްޓާލިކަން ފަޅާއަރާފައިވަނީ އެކަން ހިނގިތާ ފަސް ދުވަސް ފަހުންނެވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު އަންހެން މީހާގެ ހަށިގަނޑުގެ ތެރޭ ރަނގަޅަށް ސާފުނުވެ ބައެއް ބައިތައް ހުރުމުން ފަހުން ވަނީ އޭނާއަށް ބޭސް ދީގެން އެބައިތައް ހަށިގަނޑުގެ ތެރެއިން ސާފުކޮށްފަ އެވެ.