18 Mar 2015, 11:36
މިހާރުގެ ސަރުކާރުން ކުރަމުންދާ ކަންތައްތަކަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކުރަމުންދާ ކަންތައްތަކެއް ކަމަށާއި އެކަމާ ދެކޮޅަށް ތެދުވެ މަސައްކަތް ކުރުމަށް އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި އަދާލަތު ޕާޓީން ރޭ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
ތިން ޕާޓީން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީން ބައިވެރިވެވަޑައިގެންނެވީ އެޕާޓީގެ ޗެއާ ޕާސަން އަލީ ވަހީދާއި، ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހެވެ. ޖޭޕީން ބައިވެރިވެވަޑައިގެންނެވީ ނައިބު ލީޑަރުން އަމީން އިބްރާހީމާއި، ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދާލަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ރައީސް އިމްރާން އަބުދުﷲއާއި، ތަރުޖަމާނު އަލީ ޒާހިރެވެ.
މިބައްދަލުވުމާ ގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީއާ ޖޭޕީން މަސައްކަތް ކުރާތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ. އެހެންނަމަވެސް މިދިޔަ ހޯމަ ދުވަހު އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައި ވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމު، އެއްކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ނެތިދިޔަ އަނިޔާވެރި ވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިޔާދަވެއްޖެ ކަަމަށް ބުނެ އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް ތެދުވުމަށެވެ.
އެހެންކަމުން އަދާލަތު ޕާޓީގެ މި ނިންމުމަށް އިޖާބަދިނުމުގެ ގޮތުން އެމްޑީޕީން އިއްޔެ ވަނީ އެޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި އަދާލާތު ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައެވެ.