18 Mar 2015, 10:48
ކުޑަ އަންހެން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ދޮންބައްޕަ ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ރޭ 11:45 އެހާކަންހާއިރު އުމުރުން 48 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ކުޑަ އަންހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެމީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ރަށެއްގައި ހިނގި އެ ހާދިސާއާ ގުޅީގެން ހައްޔަރު ކުރި މީހާއަކީ ކުޑަ އަންހެން ކުއްޖާގެ ދޮން ބައްޕަ އެވެ. އަދި ކުޑަ އަންހެން ކުއްޖާގެ އުމުރަކީ 13 އަހަރެވެ.
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 48 އަހަރުގެ މީހަކު ރޭ ހައްޔަރުކުރި އިރު، މިދިޔަ ހޯމަ ދުވަހު ވެސް ގއ.ގެ ރަށަކުން ވަނީ ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި 46 އަހަރުގެ މީހަކު ހައްޔަރު ކޮށްފަ އެވެ.