ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދުގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާވަޑައިގަތީ، ސަޢޫދީ ޢަރައްބިއްޔާގެ ސަރުކާރުން އެ ދަތުރުފުޅަށް ޓަކައި ހަމަޖައްސަވައިދެއްވި ޚާއްޞަ މަތިންދާބޯޓެއްގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރިޔާދްގެ ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް ހަމަޖެހިފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ދެއްވާ ފުރަމާނަ ޖާފަތަކާއި ދެބޭފުޅުންގެ ބައްދަލުކޮށްލެވުމެއް އޮންނާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ސަޢޫދީ ޢަރަބިއްޔާގެ ޑިފެންސް މިނިސްޓަރާއި ޕެޓްރޯލިއަމް އެންޑް މިނަރަލް ރިސޯސަސް މިނިސްޓަރާއި އެޑިޔުކޭޝަން މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި އިސްލާމިކް އެފެއާޒް މިނިސްޓަރު އިޙްތިރާމުގެ ޒިޔާރަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު، އަޙްމަދު ސިޔާމް މުޙަންމަދާއި މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑޮކްޓަރު މުޙަންމަދު ޝައިނީއާއި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރު މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.