19 Feb 2011, 10:09
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބޭނުންވާ ސިޓީ އާއި އަތޮޅާއި އަދި ރަށު ކައުންސިލްތައް އިންތިހާބު ކުރުމަށް މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެންމެ ގިނަ އަދަދެއްގެ ގޮނޑި އާއި ކައުންސިލްތަކުގެ އިތުރުން އެންމެ ގިނަ ވޯޓު ޑީއާރްޕީން ހޯދައިފި އެވެ.
ހއ. ކެލާ ރަށު ކައުންސިލާއި ހއ. އަތޮޅު ކައުންސިލަށް އެ ރަށުންލީ ވޯޓުގެ ނަތީޖާ ފިޔަވައި، އިލެކްޝަންސް ކޮމިޝަނުން ވަނީ އެހެން ހުރިހާ ދާއިރާތަކެއްގައި ދާއިމީ ނަތީޖާ އިއްޔެ ރޭ އިއުލާންކޮށްފަ އެވެ. އެ ނަތީޖާ އިން ދައްކާ ގޮތުގައި އެންމެ ގިނަ ގޮނޑި އާއި ކައުންސިލްތަކުގެ އިތުރުން މަގުބޫލު ވޯޓުން ވާދަވެރި ޑީއާރްޕީ އުޅެނީ ވެރިކަންކުރާ ޕާޓީ އެމްޑީޕީ އަށް ވުރެ ކުރީގަ އެވެ.
އެގޮތުން ޑީއާރްޕީ ވަނީ އެމްޑީޕީއަށް ވުރެ 2017 ވޯޓު އިތުރަށް ހޯދައި، މަގްބޫލު ވޯޓުން ކުރި ހޯދައިފަ އެވެ. އަދި ކެލާ ދާއިރާގެ ގޮނޑިތައް ނުލައި، ޖުމްލަ 1084 ގޮނޑި ހިމެނޭއިރު ޑީއާރްޕީން ވަނީ 107 ގޮނޑި އިތުރަށް ހޯދައިގެން އެމްޑީޕީއަށް ވުރެ ކުރީގަ އެވެ.
ހަމަ އެއާ އެކު، ސިޓީ އާއި އަތޮޅުތަކުގެ އިތުރުން ރަށު ކައުންސިލްތައް ހިމަނައިގެން ޖުމްލަ 209 ކައުންސިލް މި އިންތިހާބުގައި ހޮވާއިރު، އޭގެ ތެރެއިން ދާއިމީ ނަތީޖާ މިހާތަނަށް އިއުލާންކުރި 206 ކައުންސިލްގެ ތެރެއިން، ޑީއާރްޕީ ވަނީ 32 ކައުންސިލް އިތުރަށް ކޮންޓްރޯލްކޮށް، އަނެއްކާ ވެސް އެމްޑީޕީގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ވޯޓުގެ އަދަދު:
ލޯކަލް ކައުންސިލް އިންތިހާބުގައި ސައްހަ ވޯޓުގެ ގޮތުގައި ޖުމްލަ 982880 ވޯޓު ގުނައިފައިވެ އެވެ. އޭގެ ތެރެއިން ޑީއާރްޕީން ވަނީ 396804 ވޯޓު ހޯދައިފަ އެވެ. އެމްޑީޕީ އަށް ލިބުނީ 394787 ވޯޓެވެ. އެހެންކަމުން 2017 ވޯޓުގެ ތަފާތަކުން ޑީއާރްޕީ އުޅެނީ ކުރީގަ އެވެ. ޕަސަންޓޭޖަށް ބަލާއިރު، ޑީއާރުޕީ އަށް 40.37 ޕަސެންޓް، އެމްޑީޕީ އަށް 40.16 ޕަސެންޓެވެ.
ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ހޯދައިފައި ވަނީ 155341 ވޯޓާ އެކު އަމިއްލަ ކެންޑިޑޭޓުންނެވެ. އެއީ ޓޯޓަލް ވޯޓުގެ 16 ޕަސަންޓެވެ.
އެހެނިހެން ކުދި ޕާޓީތަކަށް ލިބިފައި ވަނީ ޖުމްލަ ވޯޓުގެ ހަތަރު ޕަސަންޓެވެ. ޖުމްހޫރީ ޕާޓީ ވަނީ ޖުމްލަ 18073 ވޯޓު ހޯދައިފަ އެވެ. އަދި އަދާލަތު ޕާޓީން 11509 ވޯޓު ހޯދިއިރު، ގައުމީ އިއްތިހާދަށް ލިބުނީ 2588 ވޯޓެވެ. ޕީއޭ އަށް ލިބުނީ 2415 ވޯޓެވެ. އަދި ގައުމީ ޕާޓީގެ ކެންޑިޑޭޓުންނަށް 1258 ވޯޓު ލިބިފައިވާ އިރު ޕީޕަލްސް ޕާޓީން 105 ވޯޓު ގެންދިޔަ އެވެ.
ގޮނޑީގެ އަދަދު:
ސިޓީ އާއި އަތޮޅު އަދި ރަށު ކައުންސިލްތައް ހިމަނައިގެން މި އިންތިހާބުގައި 1091 ގޮނޑި ހިމެނެ އެވެ. ނަމަވެސް، އިލެކްޝަންސް އިން ދާއިމީ ނަތީޖާ އިއުލާން ނުކުރާ ކެލާ ދާއިރާތަކުގެ ގޮނޑިތައް ނުލައި ހިމެނޭ 1084 ގޮނޑީގެ ތެރެއިން ޑީއާރްޕީ ވަނީ 497 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ ގޮނޑީގެ 46 ޕަސަންޓެވެ.
އެމްޑީޕީއަށް ލިބުނު ގޮނޑީގެ އަދަދު ޑީއާރްޕީއަށް ވުރެ 10 ޕަސަންޓު މަދެވެ. އެގޮތުން އެމްޑީޕީ އުޅެނީ 390 ގޮނޑިއާ އެކު 36 ޕަސަންޓުގަ އެވެ.
ތިން ވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދައިފައި ވަނީ ބޮޑު ދެޕާޓީ އަށް ފަހު އެންމެ ގިނަ ވޯޓު ހޯދި އަމިއްލަ ކެންޑޭޓުންނެވެ. އެގޮތުން އެ ކެންޑިޑޭޓުން 164 ގޮނޑި ކޮންޓްރޯލްކުރި އެވެ.
އެހެނިހެން ކުދި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ގެންދިޔައީ ޖުމްހޫރީ ޕާޓީ އެވެ. އެ ޕާޓީއަށް 16 ގޮނޑި ލިބުނެވެ. އަދި އަދާލަތު ޕާޓީއަށް 15 ގޮނޑި ލިބިފައިވާ އިރު ގައުމީ ޕާޓީ އާއި ޕީޕަލްސް އެލައަންސް (ޕީއޭ)ގެ ތެރެއިން ކޮންމެ ޕާޓީއަކުން ވެސް އެއް ގޮނޑި ކާމިޔާބުކުރި އެވެ.
މި އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓުން ކައުންސިލްތަކުގެ 15 ޕަސަންޓު ގެންދިޔައިރު، ކުދި ޕާޓީތަކަށް ލިބުނީ އެންމެ ތިން ޕަސެންޓެވެ.
ޖުމްލަ ކައުންސިލްތައް:
މުޅި އިންތިހާބުގައި ޖުމްލަ 209 ކައުންސިލެއް ހިމެނެ އެވެ. ނަމަވެސް، ކޯޓު އަމުރާ ގުޅިގެން ދެ ކައުންސިލެއްގެ ދާއިމީ ނަތީޖާ ފަސްކުރުމާ ގުޅިގެން މިހާތަނަށް އިލެކްޝަންސް އިން އިއުލާންކޮށްފައި ވަނީ 206 ކައުންސިލެއްގެ ރަސްމީ ނަތީޖާ އެވެ. އެ ނަތީޖާ ދައްކާ ގޮތުން ޑީއާރްޕީ އަށް ވަނީ ޖުމްލަ 98 ކައުންސިލެއްގެ ކޮންޓްރޯލް ލިބިފަ އެވެ. އެއީ ޖުމްލަ ކައުންސިލްތަކުގެ 48 ޕަސަންޓެވެ.
ޖުމްލަ 66 ކައުންސިލާ އެކު އެމްޑީޕީ އަށް ކާމިޔާބުކުރެވުނީ ކައުންސިލްތަކުގެ 32 ޕަސަންޓެވެ. އެހެންކަމުން ކައުންސިލްތަކަށް ބަލާއިރު ވެސް އެމްޑީޕީ އުޅެނީ ޑީއާރްޕީއަށް ވުރެ ފަހަތުގަ އެވެ.
ތިން ވަނައިގައި އޮތީ އަމިއްލަ ކެންޑިޑޭޓުންނެވެ. އެގޮތުން އެމީހުން ވަނީ 26 ކައުންސިލެއް ކޮންޓްރޯލްކޮށްފަ އެވެ. އަދި އެހެނިހެން ކުދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން ދެ ކައުންސިލެއްގެ އަޣުލަބިއްޔަތު ހޯދިއިރު އަދާލަތު ޕާޓީން އެއް ކައުންސިލް ގެންދިޔަ އެވެ.
ސިޓީ ކައުންސިލްގެ ތަފްސީލު:
މި އިންތިހާބުގައި ހޮވައިފައިވާ ހަ ގޮނޑީގެ އައްޑޫ ސިޓީ ކައުންސިލް އެއްކޮށް އެމްޑީޕީ ކާމިޔާބު ކުރި އިރު، މާލެ ސިޓީ ކައުންސިލުން ވެސް ބޮޑު ތަފާތަކުން ކުރި ހޯދީ އެމްޑީޕީ އެވެ. އެގޮތުން 11 ގޮނޑީގެ މާލެ ސިޓީ ކައުންސިލުން ޖުމްލަ ނުވަ ގޮނޑި ގެންގޮސްފައި ވަނީ އެމްޑީޕީ ކެންޑިޑޭޓުންނެވެ. ޑީއާރްޕީއަށް ކާމިޔާބުކުރެވުނީ ދެ ގޮނޑިއެވެ.
އެއާ އެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދުނު ދެ ސިޓީގެ ކަންތައްތައް ބަލަހައްޓާ ކައުންސިލްތަކުގެ ކޮންޓްރޯލް އޮތީ އެމްޑީޕީއަށެވެ.
ދެ ސިޓީ ކައުންސިލްގެ މެޖޯރިޓީގެ އިތުރުން، އެ ދެތަނުން އެންމެ ގިނަ ވޯޓު ވެސް ގެންދިޔައީ އެމްޑީޕީ އެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުން 6853 ވޯޓާއި، މާލެ ސިޓީން 10293 ވޯޓާ އެކު އެމްޑީޕީއަށް ވަނީ މުޅި ޖުމްލަ 17146 ވޯޓު ސިޓީ ކައުންސިލް އިންތިހާބުން ލިބިފަ އެވެ.
ޑީއާރްޕީ އަށް ސިޓީ ކައުންސިލްތަކުން ލިބުނީ ޖުމްލަ 11684 ވޯޓެވެ. އެއީ އައްޑޫން 3941 ވޯޓާއި މާލެއިން 7743 ވޯޓެވެ.
ނަމަވެސް، މި އިންތިހާބުގައި މާލެއިން ވޯޓުލުމަށް ނިކުތް މީހުންގެ އަދަދު ވަރަށް މަދެވެ. އެގޮތުން މާލޭގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 40253 މީހުން ތިބިއިރު، ވޯޓުލީ 20151 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދެބައިކުޅަ އެއްބަ އެވެ.
އަތޮޅު ކައުންސިލްތަކުގެ ތަފްސީލު:
ލޯކަލް ކައުންސިލް އިންތިހާބުގައި 19 އަތޮޅު ކައުންސިލެއް ހިމެނޭއިރު، އެ ކައުންސިލްތަކުގެ އެންމެ ގިނަ ގޮނޑި އަދި ކައުންސިލްތަކުގެ ވެސް މެޖޯރިޓީ ހޯދައިފައި ވަނީ ޑީއާރްޕީންނެވެ.
ކެލާގެ ވޯޓު ފަސްކުރުމާ ގުޅިގެން ހއ. އަތޮޅުގެ ދާއިމީ ނަތީޖާއާ ނުލައި އެހެން ދާއިރާތަކަށް ބަލާއިރު، ޑީއާރްޕީން ވަނީ ނުވަ އަތޮޅެއްގެ މެޖޯރިޓީ ހޯދައިފަ އެވެ. އެމްޑީޕީއަށް ލިބުނީ ތިން އަތޮޅު ކައުންސިލެކެވެ. އެއީ ހދ. އާއި ފ. އަތޮޅުގެ އިތުރުން އއ. އަތޮޅެވެ.
ނަމަވެސް، ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ހއ. އަތޮޅު ކައުންސިލް އޮތީ ވެސް އެމްޑީޕީގެ ބާރުގެ ދަށުގަ އެވެ.
ޑީއާރްޕީ އަށް ލިބުނީ، ރ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި ކ. އަތޮޅާއި ނ. އަތޮޅާއި ވ. އަތޮޅާއި ލ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ގދ. އަތޮޅު ކައުންސިލެވެ.
އެންމެ ފަހުގެ އަތޮޅު ކައުންސިލް ނަތީޖާ އިން ދައްކާ ގޮތުގައި ފަސް އަތޮޅު ކައުންސިލަކުން އެއްވެސް ބަޔަކަށް މެޖޯރިޓީއެއް ނުލިބެ އެވެ. އެއީ ބ. އަތޮޅާއި އދ. އަތޮޅާއި ޅ. އަތޮޅާއި ޏ. އަތޮޅުގެ އިތުރުން ގއ. އަތޮޅެވެ. އޭގެ ތެރެއިން ޏ. އަތޮޅާއި ބ. އަތޮޅު އަދި ގއ. އަތޮޅު ކައުންސިލް ވަނީ އެމްޑީޕީ އާއި ޑީއާރްޕީ ކެންޑިޑޭޓުން މެދުގައި އެއްވަރަކަށް ބެހިފަ އެވެ.
އަދި އަމިއްލަ ކެންޑިޑޭޓުން ހުރިހާ ގޮނޑިތަކެއް ގެންދިޔަ، ހަ ގޮނޑީގެ ދ. އަތޮޅު ކައުންސިލްގެ ނަތީޖާ އަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.
އަތޮޅު ކައުންސިލްތަކުގައި ޖުމްލަ 132 ގޮނޑި ހިމެނެ އެވެ. ނަމަވެސް، ހއ. އަތޮޅު ކައުންސިލަށް ކެލާ ދާއިރާއިން ހޮވައި ދެ ގޮނޑިއާ ނުލައި މިހާތަނަށް ޖުމްލަ ނަތީޖާ ލިބިފައި ވަނީ 130 ގޮނޑީގެ އެވެ. އެގޮތުން އޭގެ ތެރެއިން 67 ގޮނޑިއާ އެކު ޑީއާރްޕީ ވަނީ އަތޮޅު ކައުންސިލްގެ އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ 52 ޕަސަންޓް ގޮނޑި އެވެ.
އެމްޑީޕީ އަށް 48 ގޮނޑި ލިބުނު އިރު، އެއީ ޖުމްލަ ގޮނޑީގެ 36 ޕަސަންޓެވެ.
އަތޮޅު ކައުންސިލްތަކުން ތިން ވަނަ އަށް އެންމެ ގިނަ ގޮނޑި ގެންގޮސްފައި ވަނީ އަށް ގޮނޑި ކާމިޔާބުކުރި އަމިއްލަ ކެންޑިޑޭޓުންނެވެ.
ކުދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ފަސް ގޮނޑި ލިބިފައިވާ އިރު ގައުމީ ޕާޓީ އާއި ޕީއޭން ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އަތޮޅު ކައުންސިލްތަކުގެ އިންތިހާބުން އެންމެ ގިނަ ވޯޓު ލިބިފައިވާ ބަޔަކަށް ބަލާއިރު، 3478 ވޯޓުގެ ތަފާތަކުން ވެރިކަންކުރާ އެމްޑީޕީ އުޅެނީ ޑީއާރްޕީއަށް ވުރެ ކުރީގަ އެވެ. އެމްޑީޕީއަށް އަތޮޅު ކައުންސިލް އިންތިހާބުގެ ޖުމްލަ 112459 ވޯޓު ލިބިފައިވާ އިރު، ޑީއާރްޕީ އަށް ލިބިފައި ވަނީ 108981 ވޯޓެވެ.
މުޅި އަތޮޅު ކައުންސިލް އިންތިހާބުން އަމިއްލަ ކެންޑިޑޭޓުންނަށް ލިބިފައި ވަނީ 27119 ވޯޓެވެ. ކުދި ޕާޓީތަކުގެ ތެރެއިން ވޯޓުން ކުރީގައި އުޅެނީ 9240 ވޯޓާ އެކު ޖުމްހޫރީ ޕާޓީއެވެ. އަދި އަދާލަތަށް 2049 ވޯޓު ލިބިފައިވާ އިރު ޕީއޭ އަށް ލިބުނީ 1696 ވޯޓެވެ. ގައުމީ ޕާޓީ އަށް ލިބުނީ 1077 ވޯޓެވެ.
ރަށު ކައުންސިލްތައް:
ރަށު ކައުންސިލްތަކަށް ޖުމްލަ 942 ކެންޑިޑޭޓުން އިންތިހާބުކޮށްފައިވެ އެވެ. އޭގެ ތެރެއިން ދާއިމީ ނަތީޖާ އިއުލާންކޮށްފައިނުވާ ކެލދާއިރާ ނުލައި 937 ގޮނޑި ހިމެނޭއިރު އޭގެ ތެރެއިން 428 ގޮނޑި ލިބުނީ ޑީއާރްޕީ އަށެވެ.
އެމްޑީޕީއަށް ލިބުނީ 327 ގޮނޑި އެވެ. ދެން އެންމެ ގިނަ އަދަދެއްގެ ގޮނޑި ހޯދައިފައި ވަނީ މިނިވަން ކެންޑިޑޭޓުންނެވެ. އެއީ 156 ގޮނޑި އެވެ. ކުދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން 11 ގޮނޑި، އަދި އަދާލަތު ޕާޓީން 15 ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ.
ރަށު ކައުންސިލްތަކުގެ މެޖޯރިޓީއަށް ބަލާއިރު، 90 ރަށު ކައުންސިލްގައި އޮތީ ނުލުގެ މެޖޯރިޓީ އެވެ. އެމްޑީޕީއަށް ކޮންޓްރޯލްކުރެވުނީ 61 ރަށު ކައުންސިލެވެ.
މީގެ އިތުރުން، 25 ރަށު ކައުންސިލެއްގެ ބާރު މިނިވަން ކެންޑިޑޭޓުން ހޯދިއިރު، ޖުމްހޫރީ ޕާޓީން ވަނީ ދެ ރަށު ކައުންސިލްގެ ބާރު ހޯދައިފަ އެވެ. އަދި އަދާލަތު ޕާޓީއަށް އެއް ރަށު ކައުންސިލްގެ މެޖޯރިޓީ ލިބިފައިވެ އެވެ. މުޅި ރަށު ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ލިބިފައި ވަނީ 265182 ވޯޓެވެ. އަދި ޑީއާރްޕީ އުޅެނީ، 10957 ވޯޓުގެ ތަފާތަކުން އެމްޑީޕީއަށް ވުރެ ކުރީގަ އެވެ. ޑީއާރްޕީއަށް ލިބުނީ ޖުމްލަ 276139 ވޯޓެވެ.
ކުދި ޕާޓީތަކުގެ ތެރެއިން ވޯޓުން ކުރީގައި އުޅެނީ 9373 ވޯޓާ އެކު އަދާލަތު ޕާޓީއެވެ. އަދި ޖުމްހޫރީ ޕާޓީއަށް 8169 ވޯޓު ލިބިފައިވާ އިރު ގައުމީ އިއްތިހާދުން 2279 ވޯޓު ހޯދި އެވެ. ގައުމީ ޕާޓީ އަށް ލިބުނީ 1258 ވޯޓެވެ. ޕީއޭ އަށް 719 ވޯޓު ލިބުނު އިރު ޕީޕަލްސް ޕާޓީއަށް 105 ވޯޓު ލިބުނެވެ.
ނޯޓް: ލޯކަލް ކައުންސިލް އިންތިހާބުގައި ފަސް ދާއިރާއެއްގެ ވޯޓު އެއްވަރުވުމުން އަލުން އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން ވަނީ ނިންމައިފަ އެވެ. އެގޮތުން ހދ. ކުމުންދޫ، ބ. ކިހާދޫ، މ. ވޭވަށް، ގއ. ކޮލަމާފުށީ އަދި ހަތް ކައުންސިލަރުން ހޮވަން ޖެހޭ ރ. ދުވާފަރު ކައުންސިލުން އެއްވަރުވި ކެންޑިޑޭޓުން މެދުގައި އަންނަ މާޗް މަހުގެ 12 ވަނަ ދުވަހު އަލުން އިންތިހާބު ބާއްވާނެ އެވެ. އެހެން ކަމާ އެކު ކޮންމެވެސް ވަރަކަށް ނަތީޖާ އަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.