18 Mar 2015, 09:43
ލޮޒާން (މާޗް 18): އީރާނުގެ ނިއުކްލިއަ މައްސަލައިގައި އެމެރިކާއާއި އީރާނާ ދެމެދު މަތީފެންވަރުގައި ދައްކަމުން ގެންދާ ވާހަކަތަކުގެ ސަބަބުން އެކަމުގެ ފަންނީ މައްސަލަތަކުގެ 90 އިންސައްތަ މިހާރު ޙައްލު ކުރެވިފައިވާކަމަށް އީރާނުގެ ޑިޕްލޮމޭޓުން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއާއި އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު ޖަވާދު ޒަރީފް އާ ދެމެދު ސްވިސްޓްޒަލޭންޑްގެ ލޮޒާންގައި މިހާރު ކުރިޔަށްގެންދާ ވާހަކަތަކުގެ ފަރުދާގެ އަނެއް ފަރާތުގައި މަސައްކަތް ކުރައްވާ އީރާނުގެ އިސް ޑިޕްލޮމޭޓަކު ވިދާޅުވީ ނިއުކްލިއަ ފަންނީ މައްސަލަތަކުގެ 90 އިންސައްތަ މިހާރު ޙައްލު ކުރެވިފައިވާ ކަމަށާއި ބާކީ މައްސަލަތައް ކުރިޔަށްއޮތް ހައެއްކަ ދުވަހުގެ ތެރޭގައި ހައްލު ކުރެވޭނެކަމުގެ އުންމީދު އެބައޮތް ކަމުގައެވެ.
ކެރީ އާއި ޒަރީފްގެ ވާހަކަތައް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިޔަށް ގެންދިޔުމަށް އެދެބޭފުޅުން ވަނީ ނިންމަވާފައެވެ.
އީރާނުގެ ނިއުކްލިއަ މައްސަލާގައި އެމެރިކާއާއި އީރާނާދެމެދު ސޮއިކުރުމަށް މަސައްކަތްކުރާ އެއްބަސްވުން ވެގެންދާނީ ނިއުކްލިއަ ބައެއް ޙަރަކާތްތައް 10 އަހަރުގެ މުއްދަތަށް އީރާނުން ހުއްޓާލުމުން އޭގެ ބަދަލުގައި އީރާނާދެކޮޅަށް އދ. އާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމުގެ އެއްބަސްވުމެއްކަމަށް ޚަބަރުތައް ބުނެއެވެ. (ރޮއިޓާސް)