ދިމިޝްގު (މާޗް 18): ސީރިޔާއަށް ޖާސޫސުކުރުމުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ޑްރޯން މަތިންދާބޯޓެއް ވައްޓާލައިފި އެވެ.

ސީރިޔާގެ އަސްކަރީ ދާއިރާތައް ބުނާގޮތުން އެގައުމުގެ ވައިގެ ދިފާޢީ ބާރުތަކުން އިއްޔެވަނީ ލާޒިގިއްޔާ ސިޓީގެ އުތުރުން ދަތުރު ކުރަމުންދިޔަ އެމެރިކާގެ ޑްރޯން މަތިންދާބޯޓެއް ވައްޓާލާފައެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިންވެސްވަނީ ސީރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދަކުން އުދުހެމުންދިޔަ އެމެރިކާގެ ޖާސޫސީ ޑްރޯން މަތިންދާބޯޓަކާ ގުޅުންތައް ކެނޑިފައިވާކަމަށް އެއްބަސްވެފައެވެ. ނަމަވެސް ސީރިޔާއިން އެބޯޓު ވައްޓާލިކަމަށް އެއްބަސްވުމަށް އެމެރިކާވަނީ ފަސްޖެހިފައެވެ.

އެމެރިކާއަކީ އެގައުމަށް ލިބޭ އަސްކަރީ ނާކާމިޔާބީތަކަށް އެއްވެސް ވަރަކަށް އިޢުތިރާފްވާ ގައުމެއް ނޫނެވެ. ތާލިބާނުން ޙަމަލާދީ އަފްޣާނިސްތާނުގައި ވައްޓާލާ އެެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރުތައް ވެއްޓޭކަމަށްވެސް އެންމެފަހަރަކުވެސް އެމެރިކާ އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް އެތަކެތި ގެއްލޭކަމަށް އެއްބަސްވެ ޕެންޓަގަންއިން ބަޔާން ނެރެމުންދެއެވެ.

މިއީ އެމެރިކާގެ ޑްރޯން މަތިންދާބޯޓަކަށް ޙަމަލާދީ އެބޯޓު ވައްޓާލިކަން ސީރިޔާއިން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ. ސީރިޔާގެ ރަސްމީ ޓީވީން ވަނީ އެގައުމުގެ ސިފައިން ވައްޓާލި އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުގެ ބައިތަކުގެ ފޮޓޯއާއި ވީޑިޔޯވެސް ދައްކާލާފައެވެ.

ސީރިޔާ ސިފައިން ވައްޓާލާފައިވަނީ އެމެރިކާގައި އުފައްދާ ޕްރެޑެޓޯ މަރުކާގެ ޑްރޯން އެއްކަމަށް ޚަބަރުތައް ބުނެއެވެ. (ނޫސްއެޖެންސީތައް)