18 Mar 2015, 09:06
ޓެލްއަވީވް (މާޗް 18): އިސްރާއީލުގައި އިއްޔެ ބޭއްވި ޢާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ކާމިޔާބު ނުލިބި ނިމިއްޖެ އެވެ.
އިސްރާއީލުގެ ޕާލަމެންޓް ކަމަށްވާ ކެނީސެޓް ގައި ހިމެނޭ 120 ގޮނޑީގެ ތެރެއިން މިހާރުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް 27 ގޮނޑި ލިބިފައިވާއިރު އެޕާޓީއާ އެންމެގާތުން ވާދަކުރި ޒަޔަނިސްޓް ޔުނިޔަން ޕާޓީއަށްވެސް ލިބިފައިވަނީ 27 ގޮނޑިއެވެ.
ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން ނަތަންޔާހޫގެ ޕާޓީއަށް ފަހުންވަނީ އެއްގޮނޑި އިތުރުވެ އެޕާޓީއަށް ލިބުނު ގޮނޑީގެ އަދަދު 28 އަށް އަރާފައެވެ. މިއާއެކު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވަނީ އޭނާގެ ޕާޓީއަށް ލިބިފައިވަނީ އާދަޔާ ޚިލާފު ކާމިޔާބީއެއް ކަމަށް ސިފަކުރައްވާފައެވެ.
ނަތަންޔާހޫއަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ އެމީހުންނަށް ކާމިޔާބު ލިބުނުކަމަށްބުނެ އުފާފާޅުކުރަމުންނެވެ. އިސްރާއީލުގެ ގާނޫނު އަސާސީ ބުނާގޮތުން ސަރުކާރެއް އެކުލަވާލުމަށް ޕާލަމެންޓްގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ ގޮނޑި ޙާސިލް ކުރަންޖެހެއެވެ. އަދި އިސްރާއީލުގައި ސަރުކާރެއް އެކުލަވާލައި ޕާޓީއެއްގެ ކޮންޓްރޯލްގެ ދަށުގައި މަދުވެގެން ޕާލަމެންޓްގެ 61 ގޮނޑި ހުންނަންޖެހޭއިރު މިއަދަދަށް ގޮނޑި ހޯދުމަށްޓަކައި ލިކޫޑް ޕާޓީވެސް އަދި ޒަޔަނިސްޓް ޔުނިޔަން ޕާޓީވެސް ކޯލިޝަން ހަދަންޖެހޭނީ އެހެން ޕާޓީތަކާއެކުގައެވެ.
މިގޮތަށް ގިނަ ޕާޓީތަކަކާއެކު ކޯލިޝަން ހަދަންޖެހޭނެތީ އިސްރާއީލުގައި އަލަށް އެކުލަވާލެވޭ ސަރުކާރެއް ވެގެންދާނީ ވަރަށް ބަލިކަށި ސަރުކާރަކަށް ކަމަށް ވަނީ ބެލެވިފައެވެ.
އިސްރާއީލުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާ، އެންމެ ވޯޓަކުން ލިކޫޑް ޕާޓީގެ ކޮޅަށް ބުރަވާތީ އައު ސަރުކާރެއް އެކުވަލާލުމުގެ މަސައްކަތް އިސްރާއީލުގެ ރައީސް ރޮއޮވިން ރިފްލިން ޙަވާލުކުރައްވާނީ ލިކޫޑް ޕާޓީގެ ރައީސް އަދި މިހާރުގެވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ކަމަށްވަނީ ބެލެވިފައެވެ.
ފަލަސްތީނުގެ ރައްޔިތުންނާމެދު އަނިޔާވެރި އަދި ހަރުކަށި ސިޔާސަތު ތަކެއް ގެންގުޅުއްވާ ނަތަންޔާހޫ ގެންދަވަނީ 2009 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ބޮޑުވަޒީރުކަން ކުރައްވަމުންނެވެ.
އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ނަތަންޔާހޫ އާ ޙަވާލުކޮށްފިނަމަ ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދުމަށްޓަކައި އޭނާ ކޯލިޝަން ހައްދަވާނީ ޔަހޫދީ ހަރުކަށި ވިސްނުމުގެ ދީނީ ޕާޓީތަކާ އަދި ކަނާތުފިޔައިގެ ކުދި ޕާޓީތަކާއެކުގައި ކަމަށް ވަނީ ބެލެވިފައެވެ. (އަލްޖަޒީރާ)