އަދާލަތު ޕާޓީގެ ހުރިހާ މެމްބަރުން ސަރުކާރާ ގުޅުމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ގޮވާލައްވައިފި އެވެ.

ސަން ޓީވީގެ "ފަންސާސް މިނެޓު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، މައުރޫފު ވިދާޅުވީ އަދާލަތު ޕާޓީގެ މެމްބަރުން ސަރުކާރާ ގުޅެން ގޮވާލައްވަނީ ސަރުކާރުން މަސައްކަތް ކުރަނީ ގާނޫނީ ތަރަހައިގެ ތެރެއިން އާންމުންނަށް ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާތީ ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ "އުޅެން ބޭނުން ގޮތަކަށް" ދޫކޮށްލެއްވުމަށްފަހު އެ ޕާޓީގެ މެމްބަރުން ސަރުކާރަށް ތާއިދު ކުރެއްވުމަށް މައުރޫފު އެދިވަޑައިގެންނެވި އެވެ.

"އިސްލާމީ ގައުމުތަކުގައި ކަންތައް ކުރަނީ އިސްލާމީ ފިލޯސަފީގެ ތެރެއިން. އެހެން ކަމުން ގާނޫނެއްގެ ތެރެއިން، ގާނޫނު އިމުގެ ތެރެއިން، ގާނޫނު ތަރަހައިގެ ތެރެއިން ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަކީ ދީނީ މަސައްކަތް. އެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އެހެންވީމަ ރައްޔިތުން ހަމަ އަދާލަތު ޕާޓީގެ ހުރިހާ ބޭފުޅުންވެސް އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ދިއުމަށް ގޮވާލަން،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ އާއި ޕީޕީއެމް މެނިފެސްޓޯގެ ދަށުން މަސައްކަތް ކުރަނީ ދީނީ ގޮތުން ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން އެއްވެސް ހާލަތެއްގައި ދީނީ ދަރުހެއް ދިނުމަކީ އެ ހައްގުތައް ދީނީ ހައްގެއް ހޯދައިދިނުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ އަސާސީ ހައްގުތަކަކީ ދީނީ ހައްގުތައް ކަމަށާއި އެކަންތައްތައް އާންމުންނަށް ފުރިހަމައަށް ފޯރުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަންނަނީ ގިނަ މަސައްކަތްފުޅުތަކެއް ކުރައްވަމުން ކަމަށް މައުރޫފު ވިދާޅުވި އެވެ.

އަދާލަތު ޕާޓީން ވަނީ ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެނައުމަށް ނިންމާފަ އެވެ. އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ފާސް ކުރި އިގުރާރުގައި ބުނެފައި ވަނީ ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމު، އެއްކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އަދި ނެތިދިޔަ އަނިޔާވެރި ވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިޔާދަވެއްޖެ ކަމަށާއި އެކަންކަމާ ދެކޮޅަށް ކުރެވެން ހުރި އެންމެހާ ކަންކަން ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވާ ކަމަށެވެ.