ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާ ބުނެވުނު އެއްޗަކުން އޭނާއަކީ ކާކުކަން ފަޅާއަރައިފި އެވެ.

ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ބަލާ މައްސަލައިގެ މިއަދުގެ ޝަރީއަތުގައި ހެކިބަސް ދިނީ އެންމެ މީހެކެވެ. ސިއްރުން ހެކި ބަސް ދިން މީހާ ވާހަކަ ދައްކަމުން ބުނެވުނީ ނާޒިމްގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގު ހިންގީ އޭނާ ކަމަށެވެ. ސިއްރުން ހެކިބަސް ދިން މީހާއަކީ ނާޒިމްގެ މައްޗަށް ތަހުގީގު ހިންގި ފުލުސް މީހާކަން ޝަރީއަތަށް އެނގުމުން، ނާޒިމްގެ ވަކީލުންގެ ޓީމުން ވަނީ އެކަން ޝަރީއަތުގައި ފާހަގަކޮށްފަ އެވެ.

ފަނޑިޔާރުންގެ ބެންޗުން އެކަން ފާހަގަކޮށް ބުނީ ހެކިވެރިޔާއަށް ބުނެވުނު އެއްޗަކުން އޭނާއަކީ ކާކުން ހާމަވެފައިވާ ކަމަށެވެ. އަޑުބަދަލުކޮށްގެން ހެކިބަސް ދިން މީހާގެ ނަމެއް ޝަރީއަތުގެ މަޖިލީހަކަށް ނުއިއްވަ އެވެ.

ހެކި ބަސް ދިން މީހާ ބުނީ ނާޒިމް ގެއިން ފެނުނު ހަތިޔާރުގައި ހުރި ފިންގާ ޕްރިންޓަކީ ނާޒިމްގެ ފިންގާ ޕްރިންޓް ނޫން ކަމަށާއި ނާޒިމްގެއަށް ވަން ފުލުހުންގެ ފިންގާ ޕްރިންޓާ ވެސް އެ ފިންގާ ޕްރިންޓް ދިމާ ނުވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެ ހަތިޔާރުތައް ފެނުނީ ނާޒިމްގެ ކޮޓަރީގެ އެނދުގެ ވަތްގަނޑަކުންނެވެ. އެ ހަތިޔާރުތައް ހޯދީ ނާޒިމްގެ ވެސް ހާޒިރުގައި ކަމަށާއި ނަމަވެސް އެއިން އެއްވެސް ހަތިޔާރަކާ ނާޒިމާ ގުޅުން ނޯންނާނެ ކަމަށް ނާޒިމް ވިދާޅުވި ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އޭނާ ބުނީ ނާޒިމް ދިރިއުޅޭ އެޕާޓްމެންޓް ފާސްކުރީ ގ. އެނިފް ގޭގެ ހަތް ވަނަ ފްލޯ އާއި ނާޒިމް ދިރިއުޅޭ އަށް ވަނަ ފްލޯގައި ހަނގުރާމަވެރި ހަތިޔާރު ހުރި ކަމަށް ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެންނެވެ. ނަމަވެސް އެގޭގެ ހަތް ވަނަ ފްލޯ އެއްވެސް ވަރަކަށް ބަލައި ފާސްކޮށްފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ. އެކަން ނުކުރީ ހޯދަން އައި އެއްޗެހި ފެނުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

މިރޭގެ އެ އަޑުއެހުމުގައި އިތުރު ހެކިވެރިންގެ ހެކިބަސް ނަގަން ހަމަޖައްސާފައި އޮތް ނަމަވެސް އެ ފުލުސް މީހާއާ ސުވާލު ކުރުމަށް ގިނަ ވަގުތު ހޭދަވެގެން ގޮސްފައި ވާތީ ފަނޑިޔާރުން ނިންމެވީ އިތުރު ހެކިންގެ ހެކިބަސް މިރޭ ނުނެގުމަށެވެ. ދެން ތިބި ހެކިންގެ ހެކިބަސް ނެގުމަށް މާދަމާ ހެނދުނު އިތުރު އަޑުއެހުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.