ރެސްޓޯރެންޓެއްގައި ބަނގުރާ ބޯން ތިބި ކަމުގެ ތުހުމަތުގައި ދެ ޒުވާނުންނާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 17 އަހަރުގެ ކުއްޖަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ. އެ ތިން ފިރިހެނުން ހައްޔަރު ކުރީ ޏ. ފުވައްމުލަކު ރެސްޓޯރެންޓެއްގައި ރޭ އިރާކޮޅު ބަނގުރާ ބޭނުންކުރަން ތިބި ކަމުގެ ތުހުމަތު ކުރެވިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ތިބި ރެސްޓޯރެންޓުގެ މޭޒުމަތިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ފުޅިއެއް ވަނީ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރު ކުރި ދެ ޒުވާނުންގެ ބަންދަށް 7 ދުވަސް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި ކުޑަކުއްޖާގެ ބަންދަށް ތިން ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.