މިދިޔަ ޖެނުއަރީ މަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ހަނި އަޣުލަބިއްޔަތަކުންއިންތިހާބުން ބަލިވެވަޑައިގަތް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ، އަންނަ މަހު 23ގެ ފަހުން ސްރީލަންކާގައި ބާއްވާ ޕާލަމެންޓްރީ އިންތިހާބުގައި ބައިވެރިވެ، ޕްރައި މިނިސްޓަރުގެ މަގާމަށް ވާދަ ކުރައްވަން ނިންމައިފި އެވެ.

ހަލީޖު ޓައިމްސް އިން މިއަދު ބުނީ ރާޖަޕަކްސާ ނުކުންނަވަނީ ސްރީލަންކާ ލޭބާ ޕާޓީގެ ބެނާގެ ދަށުން ކަމަށެވެ. ރާޖަޕަކްސާ ނުކުންނަވަނީ، އޭނާގެ ކުރީގެ ޕާޓީ، ސްރީލަންކާ ފްރީޑަމް ޕާޓީ އަކުން ނޫނެވެ. އެ މަނިކުފާނު ނުކުންނަވަނީ ވަކި އާ ސިޔާސީ ޕާޓީއެއް ކަމަށްވާ ސްރީލަންކާ ލޭބާ ޕާޓީގެ ނަމުގައި ކަމަށެވެ.

ސްރީލަންކާ ލޭބާ ޕާޓީގެ ލީޑަރު އޭއެސްޕީ ލިޔެނަގާއާ ހަވާލާދީ ޒިންހުއާ ނިއުސް އެޖެންސީ އިން ބުނީ، ރާޖަޕަކްސާ އެ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އަދި ސްރީލަންކާ ފްރީޑަމް ޕާޓީ މެމްބަރުންގެ ތާއީދު ވެސް ހޯއްދަވާފައިވާ ކަމަށެވެ.

ހަލީޖު ޓައިމްސް އިން ބުނީ ރާޖަޕަކްސާ ސްރީލަންކާ ލޭބާ ޕާޓީގެ ނަމުގައި ނުކުންނަވަން ނިންމެވީ ސްރީލަންކާ ފްރީޑަމް ޕާޓީގެ ފުރިހަމަ ތާއީދު ލިބިވަޑައިނުގަތުމުން ކަމަށެވެ.

ޖެނުއަރީ މަހު އޮތް އިންތިހާބަށް ފަހު، ސްރީލަންކާ ފްރީޑަމް ޕާޓީގެ ޒައާމަތާ، މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ހަވާލުވެވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން ކުރީގެ ރައީސް ވަނީ އެ ޕާޓީގެ އެޑްވައިޒަރުގެ ނަންދީފަ އެވެ. އަދި އެއާ އެކު އެ ޕާލަމެންޓް އިންތިހާބުގެ ކުރިން އެ މަނިކުފާނު އެނބުރި ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަންނަވާނެ ކަމުގެ އަޑުތައް ފެތުރުނެވެ.