17 Mar 2015, 21:59
މިނިވަން 50 އާ ގުޅުވައިގެން އިއްޔެ ހުޅުވި އާޓް މައުރަޒުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ދެ ޕޯސްޓަރެއް ބައިވެރި ނުކުރުމުން، އާޓް ގެލެރީ ތެރޭގައި ބަޔަކު އަޑު އުފުލައިފި އެވެ.
މުޒާހަރާގެ ބައިވެރިން މިއަދު ވަނީ މައުރަަޒަށް ވަންނަ ގޭޓު ކުރިމައްޗަށްވާ ގޮތަށް ބޯޑެއް ބަހައްޓައި ޝުއޫރުތަކާއި މައުރަޒުގައި ބައިވެރި ނުކުރި ނަޝީދު ހިމެނޭ ދެ ކުރެހުމުގެ ފޮޓޯ އޭގައި ހަރުކޮށްފަ އެވެ. އަދި ގާނޫނު އަސާސީގެ ދެވަނަ ބާބުން ލިބޭ އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައި ދިނުމަށް، އަޑު އުފުލި މީހުން ވަނީ ގޮވާލާފަ އެވެ.
ނަމަވެސް ފުލުހުން ވަނީ އެތަނަށް ވަދެ، އެކަން ހުއްޓުވައިފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުން އެތަނަށް ވަދެފައި ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ނަޝީދުގެ ދެ ފޮޓޯއެއް މައުރަޒުން ބޭރުކުރުމަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަންގާފައިނުވާނެ ކަމަށެވެ.
ނަމަވެސް، ފޭދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އެ ކުރެހުންތައް ނަގާފައި ވަނީ އެ ސްކޫލަށް ދީފައިވާ ސްލޮޓްތައް ހަމަވުމާއި ކުރެހުމުގައި ކޮންމެވެސް ވަރެއްގެ "ބަޔާސް" ކަމެއް ހުރުމުން ކަމަށެވެ.