ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ހުކުރު ދުވަހު އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މަރުހަލާ ހަމަޖެހިފައިވާ އުސޫލުތަކާއި އިންސާފުގެ ހަމަތަކުން ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމަނިކުފާނުގެ ހުކުމުގެ އިސްތިއުނާފު މަރުހަލާ އިންސާފުވެރިކޮށް ގެންދިއުމަށް ގޮވާލާ ކަމަށާއި އަދި މާލޭގެ އަމަން އަމާންކަން ބެލެހެއްޓުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ވެސް ގޮވާލާ ކަމަށެވެ.

އެކައުންސިލުން ބުނީ ކައުންސިލްތަކަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާމެދު ފާރަވެރިވުމަށް އިންތިހާބު ކުރެވިފައިވާ މިނިވަން އިދާރާއެއް ކަމަށާއި ނަމަވެސް މިހާރު ލާމަރުކަޒީ ނިޒާމު މިހާރު ދަނީ އިތުރަށް ނިކަމެތިވަމުން ކަމަށެވެ.

"އެހެނީ މި ނިޒާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެދިގެން އައި ނިޒާމެއްކަމަށް ވީ ހިނދު މި ނިޒާމު ނިކަމެތިކޮށްލުމަށާއި ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކުރުމަށް އެއިގެ ފަހުން ރައީސްކަން ކުރި ޑރ. މުހައްމަދު ވަހީދު އަދި މިހާރުގެ ސަރުކާރުން ވެސް މަސައްކަތްތަކެއް ކޮށްފައިވާކަން މިކައުންސިލުން ދެކޭތީއާ އެގޮތުން މިކައުންސިލުގެ ބާރުތައް ހަނިކުރުމާ ކައުންސިލްގެ ބިންތައް ވަކިކުރުމަކީ ވަހީދު ސަރުކާރުގަޔާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީ އިން ވެސް ކޮށްފައިވާ ކަންކަން،" ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެކައުންސިލުން ބުނީ ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތުން އެމަނިކުފާނު ބަރީއަވުމަށް އޭނާގެ ފަރާތުން ދިފާއީ ވަކީލުން ހުށަހެޅުމުގެ ފުރުސަތު ދީފާ ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ޝަރީއަތަކަށް އެކަށީގެންވާ ވަގުތު ނުދީ ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ބޭއިންސާފުން ކަމަށް ވެސް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައި އެވެ.

"ސުލްހަވެރި އިހުތިޖާޖު ކުރަމުންދާ ދިވެހިރައްޔިތުންނަށް ތަކުރާރުކޮށް ގޭންގުތަކުން ތޫނު ހަތިޔާރާއެކު ނުކުމެ ހަމަލާދެމުންދާއިރު އެއިން އެއްވެސް ކަމެއް ނުހުއްޓުވައި ދިވެހި ފުލުހުން ދެއަތް އުރާލައިގެން އެކަންކަމަށް ތަރުހީބުދޭ ފަދައަކުން އަމަލުކުރަމުން އެދަނީ މިކައުންސލުން ގަބޫލުކުރާީ މިއެންމެހާ ކަންކަމާމެދު މިކައުންސުލުން ނުހަނު ކަންބޮޑުވަމެވެ." ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކައުންސިލުން ބުނީ އެފަދަ ކަންކަން ދައުލަތުގެ މުއައްސަސާތަކުން ނުކުރުމަށާއި އަދި ސަލާމަތީ ބާރުތަކުން ވެސް ރައްޔިތުންގެ އަމަން އަމާންކަން ބެލެހެއްޓުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރުމަށް ގޮވާލާ ކަމަށް އެކައުންސިލްގެ ހަތް މެމްބަރުން ގަރާރުވެފައިވާ ކަމަށެވެ.