17 Mar 2015, 19:39
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމުން އެކަމާ އޮސްޓްރޭލިއާ އިން ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ސްރީލަންކާގެ ވެރިރަށް ކޮޅުބުގައި ހުންނަ އޮސްޓްރޭލިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައީސް ނަޝީދު ހައްޔަރުކުރި ހިސާބުން އެކަން ވަރަށް ގާތުން އެ ގައުމުން ބަލަމުންދިޔަ ކަމަށެވެ.
އެގޮތުން، އެކަމުގައި ގާނޫނީ ގޮތުން ހުރި ކަންބޮޑުވުންތައް ރާއްޖެއިން އޮސްޓްރޭލިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެދުވެރިކޮށް، ސީދާ ރާއްޖޭގެ ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށާއި އަދި އެ މައްސަލަ ގާތުން ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.
"ކޮމަންވެލްތާއި އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގައި ސޮއިކޮށްފައިވާ މެންބަރު ދެ ގައުމުކަމުން އަސާސީ ހައްގުތަކާއި މިނިވަންކަމަށާއި ގާާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ މިނިވަންކަމާ އިންސާފުވެރިކަމާއެކު ޝަރީއަތް ހިންގުންފަދަ ކަންތައްތަކަށް ރާއްޖެ އާއި އޮސްޓްރޭލިއާ އިން އަހައްމިއްޔަތުކަމެއް ދެމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދާ ދެކޮޅަށް ހުށަހެޅޭ އިސްތިއުނާފުގެ މައްސަލަތައް ބެލުމުގައި ދެފުއްފެންނަ ހަމަހަމަ ގޮތެއްގައި މަދަނީ އަދި ސިޔާސީ ހައްގުތައް ނުގެއްލޭނެ ކަން ކަށަވަރުކުރުމަށް ވެސް އޮސްޓްރޭލިއާ އިން ވަނީ އެ ބަޔާނުގައި ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ތަފާތުވުންތައް ގާނޫނާ އެއްގޮތަށް، ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކަށް ވަނީ ގޮވާލާފަ އެވެ.
ނަޝީދުގެ ހައްޔަރާއެކު އޮސްޓްރޭލިއާ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން މާލެއަށް އައުމުގައި ސަމާލުވުމަށް ވަނީ އަންގާފަ އެވެ.
ނަޝީދުގެ ހައްޔަރާ ގުޅިގެން އެމެރިކާ އާއި އިންޑިއާ ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިންސާފުވެރި ކަމާމެދު ސުވާލު އުފެދޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ބުނެފައިވެ އެވެ.