އާއިލާއަށް ފިލައިގެން ފުލުހުން ހޯދަމުންދިޔަ 16 އަަހަރުގެ އަންހެން ކުއްޖާ ހޯދައި އާއިލާއާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިމަހުގެ ތިން ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އާއިލާއަށް ފިލައިގެން އުޅުނު ހިތަދޫ، ސްޕޮންޖްގެ، ފާޠިމަތު ރަޝޫފް ހޯދާފައިވަނީ ވިލިމާލޭ ބޭންކް އޮފް މޯލްޑިވްސް ސަރަހައްދުން މިއަދު މެންދެރު ފަހު 2:15 ހާއިރު ކަމަށެވެ. އަދި މާލޭގައި ދިރިއުޅެމުން އަންނަ އެ ކުއްޖާ ފެނިގެން ރިޕޯޓް ކޮށްފައި ވަނީ އާއްމުންގެ ބަޔަކު ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް އެ ކުއްޖާ ފިލި ސަބަބެއް، އަދި އޭނާ ގެއްލިގެން ހޯދަމުންދިޔަ ދުވަސްތަކުގައި އުޅުނު ތަނެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

އާއިލާއަށް ފިލައިގެން ދޭތެރެ ދޭތެރެއިން ކުދިން ހޯދަން ފުލުހުން ފޮޓޯ އާއްމު ކުރާ އިރު، އެފަދަ މައްސަލަތަކުގައި ގިނައިން ފިލައިގެން ހޯދަމުންދަނީ 18 އަހަރު ނުފުރޭ ކުޑަ ކުދިންކަން ފާހަގަކޮށްލެވެ އެވެ.