17 Mar 2015, 18:34
އޭއެފްސީ ކަޕްގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައި، އިންޑޮނޭޝިއާގެ ޕާސިޕޫރާ ޖަޔަޕޫރާ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.
އޭއެފްސީ ކަޕްގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ކާމިޔާބު ކުރި ޕާސިޕޫރާ ވަނީ މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު، މުބާރާތުގައި މުޅިއަކު ނުވަ ޕޮއިންޓް ހޯދައިންނެވެ. އަދި މުބާރާތުގެ ގްރޫޕް 'އީ' ތާވަލްގެ ދެވަނައިގައި ތިން ޕޮއިންޓާއި ފައިދާ އެއް ގޯލާއެކު މަޒިޔާ އޮތްއިރު، ތިން ވަނައިގައި އިންޑިއާގެ ބެންގަލޫރު ވެސް އޮތީ ތިން ޕޮއިންޓާއެކު އެވެ.
މިއަދު މާލެ ރަސްމީ ގަލޮޅު ދަނޑުގައި މާޒިޔާ އާއި ޕާސިޕޫރާ ބައްދަލުކުރި މެޗުގެ ފުރަތަމަ ވަގުތުކޮޅު ގޭމް ކޮންޓްރޯލް ކުރަމުން ދިޔައީ ޕާސިޕޫރާ އެވެ. އެގޮތުން އެ ޓީމް މިޑްފީލްޑް ތެރެއިން ބޯޅަ ހިފައްޓައިން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައިރު، މާޒިޔާ ކުޅެފައި ވަނީ ފަހަތަށް ޖެހިލައި، ޑިފެންސަށް އިސްކަން ދީގެނެވެ.
މެޗުގެ މެދުތެރެއިން ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މާޒިޔާގެ ނަސީބު ބަދަލުވީ 34 ވަނަ މިނެޓުގައި ޕާސިޕޫރާގެ ކެޕްޓަން ބޮއާޒް ސޮލޮސާ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ބާރު ޝޮޓުން ޕާސިޕޫރާ ލީޑު ނެގުމުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއް ލަނޑުގެ ލީޑަކާއެކު ޕާސިޕޫރާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް މާޒިޔާ ފެށީ ރަނގަޅު ހަމަލާއަކާ އެކީ އެވެ. ނަމަވެސް ޕެނަލްޓީ އޭރިޔާ ތެރެއިން ހުސެއިން ނިޔާޒް (ބޮކުރީ) އުފެއްދި ހަމަލާ ޕާސިޕޫރާގެ ޑިފެންޑަރު ޑޮމިންގަސް ވަނީ ދިފާއު ކޮށްފައެވެ. މެޗުގެ 73 ވަނަ މިނެޓުގައި، ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ލަނޑެއް ކާމިޔާބު ކުރިނަމަވެސް، އޭނާއަށް ހުރެވުނީ އޮފްސައިޑުގަ އެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ޕާސިޕޫރާގެ ފޯވާޑް ލެންސީނޭ ކޯނޭ ކާމިޔާބު ކޮށްދިން ލަނޑާއެކު، އެ ޓީމް ވަނީ މެޗުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ނަމަވެސް ރަނގަޅު ފައިޓެއް ދެމުން ދިޔަ މާޒިޔާ ވަނީ އޭގެ ދެ މިނެޓު ފަހުން ލަނޑެއް ކާމިޔާބުކޮށް، ނަތީޖާގެ ފަރަގު ކުޑަކޮށްލާފަ އެވެ. އެ ލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ ބޮކުރީ ފޮނުވާލި ބާރު ޝޮޓު ޕާސިޕޫރާ ގޯލް ދަނޑީގައި ޖެހިފައި ބޭރުވުމުން، ރީބައުންޑްގެ ބޭނުން ހިފާ އެ ޓީމްގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.
މެޗުގައި މާޒިޔާއަށް އެޑްވާންޓޭޖް ބޮޑުވެގެން ދިޔައީ 79 ވަނަ މިނެޓުގައި ޕާސިޕޫރާގެ މިޑްފީލްޑަރު އިއާން ލުއިސް ކޭން އަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުން ނެވެ. ނަމަވެސް، ފަހު ވަގުތާ ޖެހެންދެންވެސް ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަ މާޒިޔާއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވެފައެވެ.