ޓީވީއެމްގައި ކުރިން ހަބަރު ކިޔުއްވި އަދި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވާފައިވާ ހަސަން ނިޒާމް މިއަދު ނިޔާވެއްޖެ އެވެ.

ނިޒާމް ނިޔާވީީ ހިތުގެ އާލާސްކަންފުޅަކަށް މިދިޔަ އާދީއްތަ ދުވަހު އޭޑީކޭގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް މިއަދު ހަވީރު އެވެ. އޭނަ ފަރުވާ ހޯއްދަވަމުން ގެންދެވީ ސްޓްރޯކެއް ޖެހިވަޑައިގަތުމުންނެވެ.

އާއިލާގެ ފަރާތުން ވާހަކަދައްކަމުން އޭނާގެ އެއްބައްޑު ބޭބެ ހުސެެއިން ރަމީޒު ބުނީ ނިޒާމް ނިޔާވީ މިއަދުު ހަވީރުގެ ވަގުތެއްގައި އޭޑީކޭ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށެވެ.

ޓީވީއެމްގެ ނިއުސް ކާސްޓަރެއްގެ އިތުރުން ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން އިނގިރޭސި ކިޔަވަންދަސްކޮށްދޭ ޕްރޮގްރާމެއް އޭނާ ވަނީ ހުށަހަޅައިދެއްވައިފަ އެވެ. އިނގިރޭސި ބަހުން ތައުލީމީ ދާއިރާގެ ގިނަ ފޮތްތައް ވެސް ލިޔުއްވަމުން ގެންދެވި ނިޒާމަކީ އަމީނިއްޔާ ސްކޫލްގައި އިނގިރޭސި ޓީޗަރެއްގެ ވަޒީފާ ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން އޭނާ އަކީ މައިކޮލެޖްގެ އިސް ވެރިއެއް ވެސް މެ އެވެ.

ނިޒާމަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ސޮފާ ތައުފީގުގެ ފިރިކަލުންނެވެ. ނިޒާމުގެ ފުރަތަމަ ކައިވެންޏަށް ފިރިހެން ދަރިއަކު ލިބިފައިވެ އެވެ. ހަސަން ނިޒާމުގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު ނަމާދަށް ފަހު މުހައްމަދު ތަކުރުފާނުލް އައުޒަމުގަ އެވެ.