17 Mar 2015, 17:53
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުގެ ދިފާއީ ހެކީންގެ ގޮތުގައި ކުރީގެ ސިފައިންނާ މިހާރުގެ ސިފައިންގެ ނަންތަކެއް ހުށަހަޅުއްވައިފި އެވެ.
އަބްދުﷲ ގާޒީ ބަންދު ކުރިއިރު ސިފައިންގެ އޮޕަރޭޝަންސް ޑައިރެކްޓާގެ މަގާމުގައި އޭރު ހުންނެވި ޒިޔާދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ މިއަދު ބޭއްވި ޝަރާީއަތުގެ މަޖިލީހުގައި ޒިޔާދުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ ސިފައިންގެ ވަޒީފާއިން މިހާރު ވަކިކޮށްފައިވާ ކެޕްޓަން އަބްދުލް މުއިއްޒު މުސްތަފާ އާއި ފަސްޓް ލެފްޓިނެންޓް އަބްދުﷲ ސައީދާއި ކެޕްޓަން ހުސައިން ރިޔާޒެވެ. އޭގެ ތެރެއިން ރިޔާޒަކީ ގާޒީ ހައްޔަރުކުރަން ދިޔަ ސްނެޗް ޓީމްގެ އިސްވެރިޔާ އަދި ކޮމާންޑަރެވެ.
އެ ތިން މީހުންގެ އިތުރުން ޒިޔާދުގެ ފަރާތުން ދައުލަތާއި ދެކޮޅަށް ވަނީ ގިނަ ލިޔެކިޔުންތަކެއް ހުށަހަޅާފަ އެވެ. ޒިޔާދުގެ ވަކީލުންގެ ޓީމުން ބުނީ އެ ހުރިހާ ލިޔެކިއުމަކީ ވެސް ގާޒީ ހައްޔަރު ކުރި އޮޕަރޭޝަންގައި ޒިޔާދު ކޮމާންޑް ނުކުރާ ކަމާއި ކޮމާންޑް ކުރުމުގެ ބާރު ޒިޔާދަށް ލިބިފައި ނެތްކަން ސާބިތުކުރަން ހުށަހެޅި ހެކި ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޒިޔާދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ވެސް ނަގާފައިވެ އެވެ. އެއީ އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާއި އަނބިކަނބަލުންގެ ދައްތަގެ ހެކިބަހެވެ. ގާޒީ ހައްޔަރު ކުރީ ގަދަކަމުން ކަމަށާއި ހައްޔަރުކުރި ފަހުން 48 ގަޑިއެއްހާ އިރު ވަންދެން ގާޒީގެ އެއްވެސް ހަބަރެއް ނުލިބި ދިޔަ ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.
މިއަދުގެ ޝާރީއަތުގެ މަޖިލީހުގައި ދައުލަތުން ޒިޔާދާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރެއިން އަބްދުﷲ ގާޒީ އާއި މަހްމޫދާ ޝަރީފް ނަމަކަށް ކިޔާ މީހަކު ހާޒިރު ނުކުރިޔަސް މައްސަލައެއް ނެތް ކަމަށް ދައުލަތުގެ ވަކީލުން ވަނީ ބުނެގަ އެވެ. ނަމަވެސް އެ ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހާއި އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް އަތީފުގެ އިތުރުން ކާނަލް ވައިސް ވަހީދާއި އިބްރާހިމް ރަޝީދު ނަމަކަށް ކިޔާ މީހަކު ހާޒިރުކުރަން ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ.