ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދިޔަ އަދާލަތު ޕާޓީއާއެކު މަސައްކަތް ކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ނިންމައިފި އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުން އެގޮތަށް ނިންމީ ސަރުކާރުން އަދާލަތު ޕާޓީއާއެކު މަސައްކަތް ކުރުމަށް އެ ޕާޓީން ގޮވާލާފައިވާތީ، އެކަމަށް އިޖާބަދެއްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުށަހެޅުއްވި ގަރާރަށް އެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވި 55 މެމްބަރުން އިއްތިފާގުވުމުންނެވެ.

އިބޫ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ދިވެހި ސަރުކާރުން ދިވެހި ގައުމު ނާޒުކު ހާލަތަށް ގެންގޮސްފައިވާ ކަމަށާއި އިސްލާމީ ޝަރީއަތާ ގާނޫނު އަސާސީއާ އެންމެހާ ގާނޫނުތަކާ ހިލާފަށް ދިވެހި ދައުލަތް ހިންގާ ކަމަށް އެމްޑީޕީ އިން ގަބޫލު ކުރާ ކަމަށެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ދިވެހި ގައުމުގައި މިހާރު އުފެދިފައިވާ ހާލަތު ބަދަލު ކުރުމަށް އެމްޑީޕީ އިން މަސައްކަތް ކުރަމުންދާއިރު ހަމަ އެ ހާލަތު ބަދަލުކުރުމަށް އަދާލަތު ޕާޓީ އިން ނިންމާފައިވާ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އަދާލަތުގެ މަސައްކަތްތަކަށް އެހެން ޕާޓީތަކުން ވެސް ގުޅުމަށް ދައުވަތު އަރުވާފަވާ ހިނދު އެ ދައުވަތު އެމްޑީޕީ އިން ގަބޫލު ކުރާ ކަމަށް ވެސް އިބޫ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.

އިބޫ ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އަދާލަތު ޕާޓީ އުފެދިގެން އައިސްފައި ވަނީ ވެސް އިސްލާހަށް މަސައްކަތް ކުރަމުން އައި ދަނޑިވަޅެއްގައި ކަމަށެވެ. އަދާލަތު ޕާޓީއާ އެމްޑީޕީއާ ދެމެދުގައި ވެސް އެއް އިރެއްގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ދިޔަ ކަމަށް ވިދާޅުވެ އަސްލަމް ވިދާޅުވީ މާޒީން ލިބިފައިވާ ފިލާވަޅުތަކުން އިބުރަތް ހާސިލް ކުރުމަށްފަހު އެކަތިގަނޑަކަށްވެ "އެންމެން ބާރަށް ކުރިއަށްދާންވީ" ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ދިވެހިރާއްޖޭގެ އިޖްތިމާއީ އަދާލަތު ހަރުދަނާ ކުރުމަށް އަދާލަތު ޕާޓީ ނުކުންނަންޖެހޭ ކަމަށް. ގާނޫނުތަކާ ގާނޫނު އަސާސީތައް މުގުރަމުން މިދަނީ. ވަކި ބަޔަކަށް ހާއްސަކޮށް ގާނޫތައް ހަދަމުން ދަނީ. ހާއްސަކޮށް ރައީސް ނަޝީދަށް އަމާޒުކޮށްގެން ގާނޫނުތައް ހަދަމުން އަންނަނީ،" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާ ޕާސަން އަލީ ނިޔާޒު ވިދާޅުވީ ސިޔާސީ ގޮތުން މާޒީގައި އަދާލަތު ޕާޓީ އަކީ އެމްޑިޕީއާ ހިޔާލު ތަފާތު ޕާޓީއެއް ކަމަށާއި އެހެންނަމަވެސް ސިޔާސީ ގޮތުން އެއް މަގުސަދެއް ހާސިލު ކުރުމަށްޓަކައި ލިބޭ ކޮންމެ ދައުވަތެއް ވެސް ގަބޫލު ކުރާނެ ކަމަށެވެ.

"އަދާލަތު ޕާޓީ އިން ނެރުނު ގަރާރުގައި ފާހަގަކުރައްވާފައި އެބަވޭ ޝަރުއީ ނިޒާމުގެ އެކި ގުނަންތަކުގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވާ އަދި ޝަރުއީ ނިޒާމުގެ މައްޗަށް ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލޭ ވާހަކަ. އަޅުގަނޑަށް ހީވަނީ އެމްޑީޕީގެ މެމްބަރުންނަކީ އެވާހަކަ އެންމެ ގަދަ އަށް ދައްކަވާ މެމްބަރުންހެން. މިއަދު އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އެވަނީ އެއްވެސް އިންސާފެއް ނެތް އަދުލުވެރިކަމެއް ނެތް ޝަރީއަތެއްގެ މަޅީގައި ޖެހި ޖަލުގެ ކުޑަ ގޮޅިތަކުގެ ތެރެއަށް ވަދެފައި،" ނިޔާޒު ވިދާޅުވި އެވެ.

އަދާލަތު ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީ އިން ނިންމާފައި މިވަނީ ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމު، އެއްކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި ނެތިދިޔަ އަނިޔާވެރި ވެރިކަމުގެ ވައްޓަފާޅި އަލުން އަނބުރާ އިޔާދަވެއްޖެ ކަަމށް ބުނެ އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް ތެދުވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ އިގުރާރުވުމާ ގުޅިގެން ނެވެ.