17 Mar 2015, 17:23
ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ސިވިލް ސާވިސް ކޮމިޝަން އޮފް މޯލްޑިވްސްއިން "ސިވިލް ސާވިސް އިނޮވޭޝަން އެވޯޑު" ތިން ފަރާތަކަށް ލިބިއްޖެ އެވެ.
ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ އެވޯޑު، އަތޮޅުތަކުގެ ދެ އިދާރާ އަށާއި މިނިސްޓްރީގެ އިދާރާއަކަށް ލިބިފައިވެ އެވެ. މިނިސްޓްރީގެ އިދާރާތަކުން އެ އެވޯޑު ލިބުނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަށެވެ.
އަތޮޅުތަކުން އެ އެވޯޑު މިއަދު ލިބިފައި ވަނީ ދ. އަތޮޅު ތައުލީމީ މަރުކަޒަށާއި ހުވަދު އަތޮޅު އުތުރު ބުރީ ކައުންސިލް އިދާރާއަށެވެ.
އެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހްމާން މުހައްމަދު ވަހީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައްޔިތުންނަށް ހަލުވި ކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމުގައި އައު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށާއި އެކަންތައް ކާމިޔާބު ކުރުމުގައި ޓެކްނޮލޮޖީ އިސް ރޯލެއް އަދާ ކުރާނެ ކަމަށެވެ.
ދެ އަހަރުން އެއް އަހަރު ބާއްވާ އެ އެވޯޑު އެންމެ ފުރަތަމަ ފަހަރަށް ދީފައިވަނީ 2012 ވަނަ އަހަރެވެ. އެންމެ ފުރަތަމަ ފަހަރަށް އެ އެވޯޑު ހަ ފަރާތަކަށް ލިބިފައިވެ އެވެ. ފަސް ދާއިރާއަކަށް ކަނޑައެޅިގެން ދެވޭ އެ އެވޯޑަށް ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ އިދާރާތަކަށް ކުރިމަރި ލެވޭނެއެވެ. އަދި ސިވިލް ސާވިސްގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް އެ އެވޯޑަށް ކުރިމަތިލެވޭނެ އެވެ.