17 Mar 2015, 16:34
ތޮލްހަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިތުރު ތިން ހެކިންގެ ހެކިބަސް ނަގައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރެއިން ތޮލްހަތު އިބްރާހިމް ކަލޭފާނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން މިއަދު ހެކިބަސް ދީފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ އަނބިކަނބަލުން އައިމިނަތު ޝަރީފު އާއި، އަބްދުﷲ ގާޒީގެ އަނބިކަނބަލުންގެ ދައްތަ ސާބިރާ އާއި އެމްއެންޑީއެފްގެ ކުރީގެ އިންޓެލިޖެންސް ހެޑް އަހުމަދު ނިލާމް އެވެ.
މިއަދު ކުރިއަށް ދިޔަ ޝަރިއަތުގެ މަޖިލީހުގައި ދައުލަތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނިލާމު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ކުރިން އެމްއެންޑީއެފްގެ ވެރިންގެ ބައްދަލުވުމެއްގައި "އޮޕަރޭޝަނެއްގެ ވާހަކަ" ދެކެވިފައިވާ ކަމަށެވެ. އަދި އެބައްދަލުވުމުގައި ތޮލްހަތު ވެސް އިންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް ހައްޔަރު ކުރުމުގެ ކުރިން ހައްޔަރު ކުރަނީ އަބްދުﷲ ގާޒީކަމެއް އޭނާ އަށް އެނގިފައި ނުވާ ކަމަށް ނިލާމް ވިދާޅުވި އެވެ.
ގާޒީއެއް ހައްޔަރު ކުރަން އުޅޭކަން ނޭނގޭތޯ ދައުލަތުން ތަކުރާރުކޮށް ސުވާލުކުރުމުން ނިލާމު ވިދާޅުވީ އޭރުގައި ކަންހިނގައި ދިޔަ ގޮތާއި ބައްދަލުވުމުގައި ދެކެވުނު ވާހަކަ މާބޮޑަށް "ހަނދާނެއް ނެތް" ކަމަށެވެ.
ހެކިބަސް ނަގައި ނިމުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް އަތީފްގެ އިތުރުން ކާނަލް ވައިސް ވަހީދުގެ ހެކިބަސް ނެގުމަށް މައުލޫމާތު ސާފުކުރުމަށް ޕޮލިހުގައި އެދިފައިވާނެ ކަމަށެވެ. ހެކިންގެ މައުލޫމާތު ހޯދުމަށް ކްރިމިނަލް ކޯޓުން ވަނީ ވަކީލުންނަށް ތިން ދުވަސް ދެއްވާފަ އެވެ.