ްއެކާވީސް ވަނަ ސީޒަނެއްގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދިނުމަށް ރަޔަން ގިގްސް ކޮންޓްރެކްޓް އާކޮށްފި އެވެ.

ފާއިތުވެދިޔަ 20 އަހަރު މެންޗެސްޓާ އަށް ކުޅުނު ވޭލްސްގެ 37 އަހަރުގެ މިޑްފީލްޑަރު ގިގްސް އަކީ އެ ކުލަބަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. މިހާތަނަށް އޭނާ ކުޅެދިން 800 މެޗުގެ ތެރެއިން 600 މެޗަކީ އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅެދީފައިވާ މެޗުތަކެވެ.

ކޮންޓްރެކްޓް އާ ކުރުމަށް ފަހު ވޭލްސްގެ ކުރީގެ ކެޕްޓަން ބުނީ އޭނާ މެންޗެސްޓާގައި އިތުރު އަހަރަކު ކުޅެން ނިންމީ ޓީމުގައި ޒުވާން ކުޅުންތެރިން ގިނަ އަދަދަކަށް ތިބުމާއެކު އެ ކުޅުންތެރިންނަށް މަގުދައްކާނެ ތަކުރިބާކާރު ކުޅުންތެރިން މި ވަގުތު ޓީމަށް މުހިންމުވާތީ ކަމަށެވެ.

މެންޗެސްޓާގައި ގިގްސްއާ އެކު ކުޅެމުން އައި އެންމެ ތަޖުރިބާކާރު އަދި ދުވަސްވީ ކުޅުންތެރިޔާ ގެރީ ނެވިލް ވަނީ މިދިޔަ މަހު ކުޅުން ހުއްޓާލުމަށް ފަހު ކޯޗިން ޓީމާ ގުޅިފަ އެވެ. މިހެންވެ މި ވަގުތު ހަރު ކުޅުންތެރިންނަށް ޓީމުގައި ތިބީ ގިގްސް އާއި ޕޯލް ސްކޯލްސް އާއި ކީޕަރު އެޑްވިން ވެންޑަސާ އެވެ. މީގެ ތެރެއިން ވެންޑަސާ ވަނީ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލާނެކަން އިއުލާނުކޮށްފަ އެވެ.

ގިގްސްގެ ކޮންޓްރެކްޓް އާ ކުރުމަށް ފަހު ކޯޗު އެލެކްސް ފާގަސަން ބުނީ ގިގްސް އަކީ މެޗުތަކުގެ ނަތީޖާ އަނބުރާލުމުގައި އެފަދަ ދެވަނަ އެއްނެތް މީހެއް ކަމަށާއި އޭނާ އަކީ އަދިވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށެވެ.

ގިގްސް ވަނީ މެންޗެސްޓާގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 11 ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. މިހެންވެ އިނގިރޭސި ލީގު އެންމެ ގިނައިން ހޯދި ކުޅުންތެރިއަކީ ވެސް އޭނާ އެވެ.