17 Mar 2015, 16:31
ބަރުމާގައި ބުދުދީނަށް މަލާމަތްކޮށްގެން ނިއުޒީލެންޑް މީހަކާއި ބަރުމާ ދެ މީހަކު ދޭއްބައި އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ބަރުމާގައި ބާއެއް ހިންގާ ނިއުޒީލެންޑްގެ ފިލްޕް ބްލެކްވޫޑާއި އެބާގެ ވެރިމީހާ އާއި އަދި އިތުރު މީހަކު ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެ އިން ކޮންމެ މީހަކު ވަނީ ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.
ބީބީސީ އިން މިއަދު ބުނީ އެއްވެސް ދީނަކަށް ގެއްލުންދީ މަލާމަތް ކުރުމަކީ ބަރުމާގެ ގާނޫނުގެ މަނާ ކަމެއް ކަމަށެވެ.
އެ މީހުން ފޭސްބްކްގައި ޕޯސްޓް ކުރި ޕޯސްޓަރެއްގައި ދައްކަނީ ބުއްދާގައި ކުލަ ޖައްސައި އަދި މަސްތުވެގެން ހުންނަ އިރު ބުއްދާ ފެން ގޮތް ދައްކުވައިދޭ ގޮތަށެވެ.
ފަހަކަށް އައިސް މިޔަންމާ ނޫނީ ބަރުމާގައި އަތް ގަދަ ކުރަމުން އަންނަނީ ބުދުދީން ކަމަށް ބީބީސީ އިން ބުންޏެވެ.
އެ ދައުވާ އަށް ތިން މީހުން ވެސް ކޯޓުގައި އިއުތިރާޒު ކުރި އެވެ. އަދި ބުނީ ބުއްދާ އަށް މަލާމަތް ނުކުރާ ކަމަށެވެ.
ނަމަވެސް ކޯޓުގެ ފަނޑިޔާރު ބުނީ ފިލްޕް ބްލެކްވޫޑް ކޯޓުގައި މައާފަށް އެދުނު ނަމަވެސް އޭނާ ގަސްތުގައި ބުއްދާ އަށް މަލާމަތް ކުރިކަން ސާބިތުވާ ކަމަށެވެ. ބްލެކްވޫޑް ބުނީ އޭނާ އެ ހުކުމް އިސްތިއުނާފު ކުރަން ވިސްނާ ކަމަށެވެ. އަދި އޭނާ ބީބީސީ އަށް ބުނީ އެ ހުކުމާ މެދު މާޔޫސްވެފައިވާ ކަމަށެވެ.
ހިއުމަންރައިޓްސް ވޮޗުން ބުނީ އެ ތިން މީހުން ވެސް އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި އެކަމަކު ޖަލަށްލާން ނުޖެހޭ ކަމަށެވެ. އަދި ބުނީ އޭގެ އިން ދައްކުވައި ދެނީ ހިޔާލުފާޅު ކުރުމަށް އޮތް ސީރިއަސް ގޮންޖެހުމެއް ކަމަށެވެ.
ބަރުމާގައި މުސްލިމުންނާއި ބުދު ދީންގެ މީހުންގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.