ފަންސާސް ފޫޓަށް ވުރެ ކުދި ދޯނިތަނަށް ޚާއްސަކޮށްގެން 60 ހޯސްޕަވަރުގެ އިންޖީނެއް އަންނަ ޖޫން މަހު ބާޒާރަށް ނެރޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ހަލީމް ވިދާޅުވީ، ޔަންމާގެ އެހެން އިންޖީނެކޭ އެއްގޮތަށް މި އިންޖީނުވެސް ވަރަށް ވަރުގަދަވާނެ ކަަމަށާއި އަދި އިންޖީނުގެ ސްޕެއާޕާޓްސް ވެސް ލިބޭނެ ކަމަށެވެ.

ކުދި ދޯނިތަކުގައި ކުރިން ބޭނުންކުރަމުން އައީ ޓޫޓީ އިންޖީނު ކަމަށާއި އެހެންނަމަވެސް މިހާރު އެ އިންޖީނު ނުއުފައްދާ ކަމަށް ހަލީމް ވިދާޅުވި އެވެ.

" ޖަޕާނުގެ ޔަންމާ ކުންފުންޏާ މަޝްވަރާކޮށްގެން މިއަހަރުތެރޭގައި އިރާދަ ކުރެއްވިއްޔާ، ޖޫން ހިސާބުގަައި މާކެޓަށް މި ތައާރަފްކުރާނަން،" ހަލީމް ވިދާޅުވި އެވެ.

ޔަންމާ އިންޖީނަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އިންޖީނު ކަމަށާއި މާކެޓް ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ ވެސް ޔަަންމާ އިންޖީނުކަމަށް ހަލީމް ވިދާޅުވި އެވެ.

" މިއީ ރައްޔިތުންނާއި މަސްވެރިން އެންމެ އިތުބާރު ކުރާ އިންޖީނު،" ހަލީމް ވިދާޅުވި އެެވެ.

މި އިންޖީނުގެ އަގެއް އެމްޓީސީސީން އަދި ހާމަ އެއް ނުކުރެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށި އިންޖީނަކީ ޔަންމާ އިންޖީނެވެ.