17 Mar 2015, 15:55
ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަންނަ މަސް ނިމުގެ މުގެ ކުރިން ނިންމުމަށް އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފި އެވެ.
މިއަދު މެންދުރު ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހެޅުއްވީ އަންނަ މަހުގެ 15ގެ ކުރިން، ކުރީގެ ރައީސުންނަށްދޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް ނިންމުމަށެވެ. މިގޮތަށް ތާއިދުކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.
ފަޒާދު ހުށަހެޅުއްވި މި ހުށަހެޅުން ފާސްވީ ކޮމިޓީގައި އެވަގުތު ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އިންނެވި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށްދޭ އިނާޔަތްތަކުގެ ބިލުގެ މަސައްކަތަކީ އިގްތިސާދީ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ މަސައްކަތެއް ނޫން ކަމަށެވެ.
"މިހާރު މީގައި ވަރަށް ރީއްޗަށް އެބައޮތް ދެއްތޯ ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ އިނާޔަތްތަކާ ރައްކާތެރިކަމުގެ ބިލޭ. ހަމަ ގައިމުގެ އިނާޔަތްތަކަކީ ވެސް މި ކޮމިޓީ އިން ކުރާ މަސައްކަތެއް ނޫން. އަދި ރައްކާތެރިކަން ވެސް ދޭނީ މި ކޮމިޓީ އަކުންނެއް ނޫން. އަޅުގަނޑު ހުށަހަޅަން މަޖިލީހުގެ ކައުންސިލާ ޖެނެރަލަށާއި އަދި މަޖިލީގެ ރައީސްގެ ސަމާލުކަމަށް މިކަން ގެނައުމަށް،" އަސްލަމް ވިދާޅުވި އެވެ.
ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަތީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެ ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 38 މެމްބަރުން ނެވެ. އަދި ނުފެންނަ ކަމަށް 11 މެމްބަރުން ވޯޓުދެއްވާފައިވާ އިރު އެ ބިލާ ދެކޮޅަށް ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ތްރީ ލައިން ވިޕެއް ނެރެފަ އެވެ. ސަރުކާރާ އިދިކޮޅު އެމްޑީޕީން އެ ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.
ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށްދޭ އިނާޔަތްތާއި ރައްކާތެރިކަމުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ފާސްކޮށްފައިވާ އިރު، އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ކުރީގެ ރައީސުންގެ ކިބައިން ފެންނަ ބައެއް އަމަލުތަކުގެ ސަބަބުން އިނާޔަތް ލިބުން ހުއްޓިގެންދާނެ އެވެ. އެގޮތުން ކުރިގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ ނަޝީދަށް ލިބެމުންދާ ރައީސް ކަމުގެ އިނާޔަތްޔަށް ކެނޑިގެން ދާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެ އިސްލާޙުގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުން ނުވަތަ އެފަދަ ޖަމާއަތެއްގައި ބައިވެރިވުމާއި އެކަމަށް ގޮވާލުމުގެ އިތުރުން އެފަދަ ކަމަކަށް ހިތްވަރުދީފި ނަމަ، އެގާނޫނުގެ ދަށުން ލިބިދެވޭ އެންމެހާ އިނާޔަތްތަކާއި ރައްކާތެރިކަން ކެނޑިގެންދާނެ އެވެ.