މި މަސް ނިމުމުގެ ކުރިން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ މަސައްކަތް ނިންމުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފި އެވެ.

މިއަދު މެންދުރު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މި ގޮތަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އޭނާ ހުށަހެޅުއްވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނު އަންނަ ހަފްތާގެ 24 ވަނަ ދުވަހަށް ނިންމުމަށެވެ. މި ގޮތަށް ފާސްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު، ރައްޔިތުންގެ މަޖިލީހުން ބަލައިގަތީ މިދިޔަ ހަތްފާގެ ތެރޭގައެވެ. މި ގާނޫނު މަޖިލީހަށް ބަލައިގަތީ 47 މެމްބަރުންގެ ވޯޓާ އެކު އެވެ. މި އިސްލާހު މަޖިލީހަށް ބަލައި ގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ޕެރޯލް ބޯޑަށް ހުށަހެޅި އިސްލާހުގައި ވަނީ، ހުކުމް ތަންފީޒު ކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބި ޕެރޯލްއާ ގުޅޭ ގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ނިންމިތާ 60 ދުވަހުގެ ތެރޭގައި ޝަރީއަތަށް ހުށަހެޅުމުގެ ހައްގު ހުކުމް ތަންފީޒުކުރާ މީހަކަށް ލިބިގެންވާ ކަމަށެވެ. އެ މައްސަލަ ޝަރީއަތަށް ހުށަހެޅޭނީ ޕެރޯލް ބޯޑުން ނިންމާ ނިންމުން އަލުން މުރާޖާކޮށްދިނުމަށް ދެވަނަ ފަހަރަށް އެ ބޯޑަށް ހުށަހަޅައި ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެވެ.

ބިލު ހުށަހެޅުއްވި މެމްބަރު، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއް ނަމަ، ޖަލުން ފިލައިގެން ނުވަތަ ބޭސްފަރުވާއަށް ވެސް ޖަލުން ބޭރުގައި ހޭދަ ކުރާ ދުވަސްތައް، ހުކުމް ތަންފީޒު ކުރާ ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު އެކުލަވާލާފައި ވަނީ ގައިދީން އެކި ބޭނުންތަކަށް ނުވަތަ ފިލައިގެން ޖަލުން ބޭރުގައި ހޭދަކުރާ ދުވަސްތަކަކީ ހުކުމް ތަންފީޒު ކުރާ ދުވަސްތަކުގެ ގޮތުގައި ހިމެނޭ ގޮތަށެވެ.

ސަރުކާރުގެ ފަރާތުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްވެއްޖެ ނަމަ ޖަލުގައި ތިބޭ ގައިދީންނެކޭ އެއްފަދައިން ކުށެއްގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ތިބޭ މީހުންނާ މެދު ވެސް އަމަލުކުރަން ޖެހޭނީ އެއް އުސޫލަކުން ކަމަށް ޖަމީލު ވިދާޅުވި އެވެ.

ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ އެ ބިލްގައި ގާނޫނީ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އޭރުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ލަފާދެއްވާފައިވަނިކޮށެވެ. އެހެންނަމަވެސް އެއިރު މަޖިލީހުން ދެވަނަ ފަހަރަށް އެ ބިލް ފާސްކޮށްފައި ވަނީ ބަންޑާރަ ނައިބު ފާހަގަކުރެއްވި އެއްވެސް ކަަމަކަށް ރިއާޔަތްކުރެއްވުމެއް ނެތިއެވެ.