17 Mar 2015, 15:25
ތުރީޖީ އަދި ފޯޖީ ޑޮންގުލް އަކާއި ހިލޭ ޓަޗްނެޓް ކަނެކްޝަން އަދި ތިން ޖީބީގެ ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ތުރީޖީ ނުވަތަ ފޯޖީ ޑޮންގުލް އަކާއި ޓަޗްނެޓް ކަނެކްޝަންގެ އިތުރުން ތިން ޖީބީގެ ބޯނަސް ޑޭޓާ 399 ރުފިޔާ އަށް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ދިރާގުން ގަންނަ ކޮންމެ ޑޮންގްލްއެއް މެދުވެރިކޮށް ދިވެހި ރާއްޖޭގައި ދިރާގުން ފޯރުކުއްދެވޭ މޯބައިލް ބްރޯޑްބޭންޑް ހިދުމަތާއި 3G އަދި 4G LTE ނެޓްވޯކް ތަޖުރިބާކޮއްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތަކުންނާއި ދިރާގު ޕާޓްނާ ފިހާރަތައް މެދުވެރިކޮށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ "މިއީ ދިރާގު 3G ނުވަތަ 4G ބްރޯޑްބޭންޑް ހިދުމަތް ތަޖުރިބާ ކޮށްލެއްވުމަށް ވަރަށް ރަނގަޅު ފުރުސަތެއް. ވަކިން ހާއްސަކޮށް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނުހުންނަ ރަށްރަށަށް. ދިރާގު 3G ބްރޯޑްބޭންޑް ހިދުމަތް މުޅިރާއްޖެއަށް ފޯރުކޮށް ދިނުމަށް ދިރާގުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި މިޕްރޮމޯޝަންގެ ސަބަބުން ވަރަށް ގިނަ ކަސްޓަމަރުންނަށް ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވޭ" ކަމަށެވެ.
ދިރާގު 3G ބްރޯޑްބޭންޑް ޚިދުމަތް ދިވެހިރާއްޖޭގެ 95 ޕަސެންޓަށް ވުރެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެ އެވެ. އަދި 4G LTE ޚިދުމަތް 50 ޕަސެންޓަށް ވުރެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެ އެވެ. މި އަހަރުގެ ކުރީކޮޅު ދިރާގުން ވަނީ 2015ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 100 ޕަސެންޓް ދިރާގު 3G ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ޕްރީޕެއިޑް ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ދިރާގުން ކުރިއަށްގެންދާ އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.