ތައުލީމީ ދާއިރާއަށް ބޭނުންވާ 5000 މީހުން ތަމްރީނު ކުރުމަށް އިސްލާމިކް ކޮލެޖެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަ، ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 10 އަހަރު ދުވަހުގެ މުއްދަތަށްވި އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު އައިޝަތު ޝިހާމެވެ. އަދި ކުއްލިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ މަޖިލީހުގެ ރައީސް ޑރ. އަހުމަދު ޝަރީފެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ކުއްލިއްޔާގެ މަޖިލީހުގެ ރައީސް ޑރ. ޝަރީފު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން އިސްލާމާއި ޤުރުއާންގެ އިތުރުން އަރަބި ބަސް ކިޔަވައިދެއްވާނެ މުދައްރިސުން ތަމްރީން ކުރެވޭނެ ކަމަށެވެ. އަދި އޭގެ މަންހަޖު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުއްލިއްޔާގެ އުސްތާޒުން ކުރިއަށްގެންދާ ކަމަށް ވިދާޅުވި އެވެ.

"މި ޕްރޮގްރާމުގެ ތެރެއިން ވަޒީފާގައި ތިއްބެވި ބޭފުޅުންނަށް ވެސް ކޯސްތަކުގައި ބައިވެރިވެވޭނެ. އަޅުނގަޑުމެން މި މަސައްކަތް މިކުރަނީ ހަމަ ސީދާ ރަށުގައި ތިއްބަވައިގެން ކުއްލިއްޔާގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް. ހަމައެކަނި ފޭސްޓު ފޭސް އަކުންނޫން. އިތުރު ޓެކްނޮލޮޖީގެ ގޮތްތައް ހޯދުމުގެ މަސައްކަތްކުރައްވަމުން މިގެންދަނީ،" ޝަރީފު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުވުމާ އެކު އިސްލާމް، ގުރުއާން އަދި އަރަބި މާއްދާތަކުގެ އިތުރުން ސްކޫލް މަދަރުސާތަކުގައި މިހާރު ކިޔަވައި ދެއްވަމުން ގެންދާ މާއްދާތަކުން ވެސް ކިޔަވައިދެވޭނެ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި ކައުންސިލިން އަދި އާލީ ޗައިލްޑްހުޑް ފަދަ ކޯސްތަކެއް ވެސް ކުރިއަށްގެންދެވޭނެ ކަމަށް ކުއްލިއްޔާ އިން މައުލޫމާތުދެ އެވެ.