ޖަޕާނުގެ މެއިޖީ ޔުނިވާސިޓީން ރާއްޖެއަށް އެކުވެރިކަމުގެ ދަތުރެއްގައި އައި ޓީޓީ ކުޅުންތެރިންނާ، ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ބައްދަލުކުރައްވައިފި އެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މަލީހު ވަނީ ޓީޓީ ކުރިއެރުވުމަށް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާ ގުޅިގެން ޔޫތު މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން ފާހަގަކުރައްވައިފައެވެ.

މަލީހު ވިދާޅުވީ، މިހާރު އަތޮޅުތަކުގައި ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓު ތަކުގެ ދަށުން އަޅާ ސްޕޯޓްސް އެރީނާތަކުގައި، ޓީޓީ ކުޅެވޭނެ ވަސިލަތްތައް ގާއިމް ކުރަމުން ދާކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެ ތެރޭގައިވެސް އެ ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރުވެގެން ދާނެ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ އެފަދަ ދަތުރެއް މެއިޖީ ޔުނިވާސިޓީން ރާއްޖެއަށް ކުރި ކަމަށްޓަކައި، އެ ޓީމަށާއި ޓީމްގެ އިސް ވެރިންނަށް މަރުހަބާ ދަންނަވާފަ އެވެ. އެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު މަލީހު އެ ޓީމަށް ހަނދާނީ ހަދިޔާއެއް ދެއްވާފައި ވާއިރު، އެ ޓީމްގެ ފަރާތުން ޔޫތު މިނިސްޓްރީއަށްވެސް ވަނީ ހަދިޔާއެއް ދީފައެވެ.

ޖަޕާނުގެ މެއިޖީ ޔުނިވާސިޓީގެ ޓީޓީ ޓީމު ރާއްޖެއަށް ކުރާ ޒިޔާރަތުގައި، ރާއްޖޭގެ ޓީޓީ ކުޅުންތެރިންނާއެކު މެޗުތަކެއް ކުޅެ ތަމްރީންތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ޓީޓީ އެސޯސިއޭޝަނުން ވަނީ އެފަދަ ތަމްރީނުތަކަކީ މިއަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރު ވުމަށް، ރާއްޖޭގެ ކުޅުންތެރިންނަށް ލިބިގެން ދާނެ ވަރަށް އަގުހުރި ތަޖުރިބާއެއްކަން ފާހަގަ ކޮށްފައެވެ.

ޖަޕާނުގައި ގައުމީ ފެންވަރެއްގައި ކުޅޭ ކުޅުންތެރިންވެސް ހިމެނޭ، އެ ގައުމުގެ އެންމެ މައްޝޫރު އެއް ޔުނިވާސިޓީ ކަމަށްވާ މެއިޖީ ޔުނިވާސިޓީގެ ޓީޓީ ޓީމް ރާއްޖެއަށް ކުރާ ދަތުރު ނިންމާލަން ހަމަޖެހިފައި ވަނީ މިމަހުގެ 21 ގައެވެ.