17 Mar 2015, 15:13
އޭއެފްސީ ކަޕްގައި މާދަމާ ހަވީރު މިޔަންމާގެ އަޔެވާދީ ޔުނައިޓެޑާ ދެކޮޅަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް ނިކުންނައިރު، އެ މެޗުން އެއް ޕޮއިންޓް ލިބުނަސް ހިތްހަމަޖެހޭނެ ކަމަށް ނިއުއާ އަލަށް ހަވާލުވި ކޯޗް އާމިރު އަލަގިޗް ބުނެފި އެވެ.
މިއަދު ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން އަލަގިޗް ބުނީ، މިހާރު ޓީމް އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ދިޔުމަށް ރަނގަޅު ހިސާބެއްގައި ކަމަށެވެ. އަދި މި މެޗުން އެއް ޕޮއިންޓް ހޯދުނު ނަމަވެސް، އެއީ ކާމިޔާބީއަކަށް ވާނެ ކަމަށް އަލަގިޗް ބުންޏެވެ.
"މި މެޗުން އެއް ޕޮއިންޓް ލިބުނަސް އެ ވާނީ ރަނގަޅު ނަތީޖާއަކަށް. މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރަން ނަތީޖާ ނެރެވޭނެ މެޗުތައް އަދި އެބަހުރި. މި ގްރޫޕްގެ ދެވަނަ މަގާމަށް އެންމެ ވާދަކުރާނީ ނިއުއާ އަޔެވާދީ. މި ދެ ޓީމްގެ ހަގީގީ ކުރިމަތިލުމަކަށް ވާނީ މާދަމާގެ މެޗެއް ނޫން، މާދަމާގެ މެޗަށްވުރެ މުހިންމީ އަޔެވާދީގެ ހޯމްގައި ކުޅޭ މެޗު،" އަލަގިޗް ބުންޏެވެ.
އަލަގިޗް ބުނީ އޭނާ ކޯޗުކަމާ ހަވާލުވިތާ އަދި މާ ގިނަ ދުވަސް ނުވާތީ ޓީމްގެ ކުޅުންތެރިން ދެނެގަންނަން ވަގުތު ބޭނުންވާ ކަމަށެވެ. އަދި މާދަމާގެ މެޗަށް ރަނގަޅު މޯޓިވޭޝަނެއް ހޯދުމަށް ކުޅުންތެރިންގެ އަމިއްލަ ޒިންމާއެއް ވާކަމަށްވެސް އަލަގިޗް ވަނީ ފާހަގަ ކޮށްފައެވެ.
"ދެ ތިން ދުވަސްތެރޭ ޓީމެއް ގޮވައިން މިފަދަ މުބާރާތެއްގައި ނަތީޖާ ނެރުމަކީ އަލަށް ހަވާލުވާ ކޯޗަކަށް ވަރަށް އުނދަގޫ ކަމެއް. އަހަރެންގެ ޒިންމާއަކީ މެޗުގެ ކުރިން ޓީމް ތައްޔާރު ކުރުން. ދަނޑު މައްޗަށް އެރުމަށްފަހު މެޗަކީ ކުޅުންތެރިންގެ ޒިންމާއެއް. ތެދުތެދަށް ބުނަންޏާ މެޗަކަށް މޯޓިވޭޓް ވުމަކީ ކުޅުންތެރިންގެ ޒިންމާއެއް. ގައުމަށްޓަކާ، އަދި ކްލަބަށްޓަކާ ނެރެންޖެހޭ ހިތްވަރަކީ ތިމާ އަމިއްލަ ނަފްސުން ނެރެން ޖެހޭނެ ހިތްވަރެއް. ބަލިވަންޏާ ބަލިވާނީ އަހަރުމެނަށް ވުރެ މޮޅު ޓީމެއް އަތުން، ނަމަވެސް ކުޅުމުގައި ކުޅުންތެރިން 100 ޕަސެންޓު ދީފި ނަމަ ބަލިވުން އެއީ މައްސަލައަކަށް ނުވާނެ،" އަލަގިޗް ބުންޏެވެ.
އޭގެ އިތުރުން މާދަމާގެ މެޗުގައި ހަމްޕު ފިޔަވައި ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ބޭނުން ނުކުރާނެ ކަމަށާއި، މާދަމާގެ މެޗަކީ "އެކްސްޕެރިމެންޓް" ކުރާ ކަހަލަ މެޗެއް ނޫން ކަމަށް އަލަގިޗް ބުންޏެވެ.
މިއަހަރުގެ އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ނިއު ބަލިވީ ތަފާތު ބޮޑުކޮށް 4-1 ގެ ނަތީޖާއަކުން ނެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ މެޗު ކާމިޔާބު ކޮށް، ނިއު މިހާރު ތިން ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައި އޮތްއިރު، ގްރޫޕް 'އެޗް' ތާވަލްގެ އެއްވަނައިގައި އިންޑޮނޭޝިއާގެ ޕާސިބް އޮތީ ނިއުއަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިންނެވެ.