ރޭ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އެޖެންޑާގައި އޮތީ ހަމަ އެކަނި ރައީސް ނަޝީދުގެ މައްސަލައިގައި އެޗްއާރްސީއެމް އިން ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ނޫން ކަމަށް އެ ކޮމިޓީގެ މުގައްރިރު ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ވިދާޅުވެއްޖެ އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ފަރާތްތަކުން މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ރޭގެ ކޮމިޓީއާ ގުޅޭ ގޮތުން ދައްކަވާފައިވާތީ "ސަން" އާ ވާހަކަފުޅުދައްކަވަމުން ސަލީމް މިއަދު ވިދާޅުވީ، ރޭ ބޭއްވި ކޮމިޓީގެ އެޖެންޑާގައި އެންމެ ފުރަތަމަ ވެސް އޮތީ އެޗްއާރްސީއެމްގެ މަސައްކަތްތަށް ކުރުމަށް އެއްވެސް ހުރަހެއް އޮތްތޯ ބެލުން ކަމަށެވެ.

އަދި ހަމައެއާއެކު އެޗްއާރުސީއެމްގެ ނައިބު ރައީސް އަހުމަދު ތޮލާލު، ފުލުހުންނާ ދިމާއަށް "ތިއީ ބާޣީންނޭ" ބުނިކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ މައްސަލަ ވެސް ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްގެން ކުރިއަށް ގެންދިޔަ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ރައީސް ނަޝީދުއާ ގުޅޭ ގޮތުން އެޗްއާރްސީއެމުން ދައްކަވާފައިވާ ވާހަކަތަކާ ގުޅޭގޮތުން ވެސް ރޭގެ ކޮމިޓީގައި ކޮމިޓީގެ މެމްބަރުންނާ އެޗްއާރްސީއެމްގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ހަމައެކަނި ރައީސް ނަޝީދުގެ މައްސަލައޭ އަޅުގަނޑުމެން އެޖެންޑާ ކޮށްގެން ކުރިއަށް ގެންދިޔައީ ބައެއް މެމްބަރުން ވިދާޅުވޭ އެބަ. އެހެންނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް. އެކަމާ ކަންބޮޑުވޭ. ކޮމިޓީ ކުރިއަށް ގެންދިޔައީ ސިއްރުން. އެހެންނަމަވެސް ކޮމިޓީ ސިއްރު ކުރީ މެމްބަރުން އެދިވަޑައިގަންނަވައިގެން،" ސަލީމް ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ މެމްބަރުން ވަކިވަކިން ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ރޭ ވަރަށް ދަންވަންދެން ވަނީ ކުރިއަށް ގެންގޮސްފައެވެ.