19 Feb 2011, 09:50
ދެން އަންނަ ކްރިކެޓް ވޯލްޑް ކަޕުން ފެށިގެން މުބާރާތުގައި ވާދަ ކުރާ ގައުމުތަކުގެ އަދަދު 10 މަދުކުރަން ނިންމައިފި އެވެ.
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ން މި ގޮތަށް ނިންމީ ލަންކާ އާއި ބަނގްލަދޭޝް އަދި އިންޑިޔާގައި މިއަދުފެށި މުބާރާތުގެ ކުރިން ބޭއްވި އެ ޖަމާއަތުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
އައިސީސީގެ ސީއީއޯ ހާރޫން ލޯގަތް ވިދާޅުވީ މުބާރާތުގައި ވާދަ ކުރާ ގައުމުތައް މަދުކުރަން ނިންމީ ވޯލްޑް ކަޕުގެ ފޯރިގަދަ ކުރުމަށްޓަކައި ކަމަށެވެ.
އޭނާ ވިދާޅުވީ ޓެސްޓް މެޗުތައް ނުކުޅޭ ގައުމުތަކުން މުބާރާތުގައި ވާދަ ކުރުމުން 50 އޯވަރުގެ މެޗުތައް ކުޅޭ މުބާރާތުގެ ބައެއް މެޗުތައް އެއްވެސް ފޯރިއެއް ނެތި ކުރިއަށްދާކަމީ އައިސީސީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކްރިކެޓްގެ ޑިވެލޮޕްމަންޓް ސްޓޭޖުގައި ވާދަ ކުރާ ޓީމުތައް ހިމަނަގައިގެން ޓުވެންޓީ20 މުބާރާތް ކުޅުމަކީ އެންމެއެދެވޭ ގޮތް ކަމަށް ވެސް އައިސީސީން ގަބޫލުކުރާ ކަމަށެވެ.
ދުނިޔޭގެ އެންމެ ޝަރަފުވެރި ކްރިކެޓް މުބާރާތުގައި ވާދަ ކުރާ 14 ގައުމުގެ ތެރެއިން ކެންޔާ އާއި ކެނެޑާ އަދި އަދި އަޔަލޭންޑާއި ނެދަލޭންޑް އަކީ ޓެސްޓް ކްރިކެޓް ކުޅޭ ގައުމުތަކެއްނޫނެވެ. މި ފަދަ ގައުމުތައް ވޯލްޑް ކަޕުން ބޭރުކުރުމުން އެ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެ މީހުން ބުނަނީ ކްރިކްޓްގެ އެންމެ ވަރުގަދަ ގައުމުތަކާ އެކު ގަދަފަދަ މެޗުތައް ކުޅެން ފުރުސަތު ނުލިބޭނަމަ އެ ގައުމުތަކަށް ކުރިއެރުން ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ޓެސްޓް މެޗުތައް ކުޅެން ފުރުސަތު ނުލިބުނު ނަމަވެސް ކެންޔާ ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލް ކުޅެފަ އެވެ.