އޭއެފްސީ ކަޕްގައި މާދަމާ މިޔަންމާގެ ކްލަބެއް ކަމަށްވާ އަޔެވާދީ ޔުނައިޓަޑް ގަލޮޅު ދަނޑުގައި ރާއްޖޭގެ ނިއުރޭޑިއެންޓާ ދެކޮޅަށް ނިކުންނަ އިރު، އެންމެ ބޮޑު އެއް އުނދަގުލަކަށް ވާނީ ޜާއްޖޭގެ މޫސުން ކަމަށް އަޔެވާދީގެ ކޯޗް މަރްޔާން ސެކުލޯވްސްކާ ބުނެފި އެވެ.

މިއަދު ގޮލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން، މަރްޔާން ވަނީ ރާއްޖޭގެ މޫސުން މިޔަންމާގެ މޫސުމާ ވަރަށް ތަފާތުކަން ފާހަގަ ކޮށްފައެވެ. އަދި އެއީ މެޗުގައި ކުޅުންތެރިންނަށް ދިމާވާނެ އުނދަގުލެއް ކަމަށް މަރްޔާން ބުންޏެވެ.

"މާދަމާގެ މެޗުގައި މޫސުމަށް ސަމާލުވާން ޖެހޭ، ޜާއްޖޭގެ މޫސުން މިޔަންމާގެ މޫސުމާ ވަރަށް ތަފާތު. މިފަދަ ހާލަތްތަކުގައި ގިނަ ޓީމްތަކުގެ ގިނަ ކުޅުންތެރިންނަށް ރަނގަޅަށް ކުޅެވޭނީ 60، 70 ވަރަކަށް މިނެޓު، އެއަށް ފަހު ކުޅުތެރިން ވަރުބަލިވާނެ. ނަމަވެސް 2013ގައި މާޒިޔާއާ ދެކޮޅަށް ވެސް ރާއްޖޭގައި ކުޅުނިން، އެހެން ކަމުން އެކަމަށް ތައްޔާރު ވެވޭނެ،" މަރްޔާން ބުންޏެވެ.

މޫސުމުގެ އިތުރުން މަރްޔާން ވަނީ ޓީމުގައި އަނިޔާގެ މައްސަލަތަކެއް އުޅޭކަން ވެސް ފާހަގަ ކޮށްފަ އެވެ. އެގޮތުން މާދަމާގެ މެޗަށް އަރުވާނީ ކޮން ކުޅުންތެރިންނެއްކަން އިނގޭނީ މިއަދު އެ ޓީމުން ބާއްވާ ތަމްރީނުތަކަށް ފަހު ކަމަށް މަރްޔާން ބުންޏެވެ.

އޭއެފްސީ ކަޕްގައި މިއަހަރު ކުޅުނު ފުރަތަމަ ދެ މެޗުން އެވަރުވެ، ދެ ޕޮއިންޓާ އެކު ތާވަލްގެ ތިންވަނައިގައި މިހާރު އޮތް އަޔެވާދީ އަކީ މިޔަންމާ ނެޝަނަލް ލީގުގެ ދެވަނައިގައި މިހާރު އޮތް ކްލަބެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ މާޒިޔާއަށް ކުޅުނު ފޯވާޑް ރިސްޓޭ ނައުމޯވް މި އަހަރު އެ ޓީމާ ގުޅިފައިވާ އިރު، އޭނާގެ ތަޖުރިބާ ވެގެން ދާނީ އެޑްވާންޓޭޖަކަށް ކަން މަރްޔާން ވަނީ ފާހަގަ ކޮށްފަ އެވެ.

"ރިސްޓޭއަށް މި ގައުމުގެ ފުޓްބޯޅަ އާއި ދަނޑުގެ ހާލަތު ވަރަށް ރަނގަޅަށް އިނގޭނެ. އޭނާގެ ތަޖުރިބާ ވެގެން ދާނީ އެޑްވާންޓޭޖަކަށް. މާދަމާގެ މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރަން. ނަމަވެސް މި ޓީމަކީ މުޅި ޓީމް އެއް ކުޅުންތެރިއެއްގެ މައްޗަށް ބިނާވެ އޮންނާނެ ޓީމެއް ނޫން. ހުރިހާ ކުޅުންތެރިންވެސް ރަނގަޅު ކުޅުމެއް ދައްކަން ޖެހޭ." މަރްޔާން ބުންޏެވެ.

އޭގެ އިތުރުން މަރްޔާން ވަނީ މިހާރު މިޔަންމާގެ ލީގު މެދުކަނޑާލާފައި ވާކަން ފާހަގަކޮށް، އެކަމުގެ ސަބަބުން އޭއެފްސީ ކަޕްގެ މެޗުތަކަށް އެ ޓީމަށް އިތުރަށް ކޮންސެންޓްރޭޓް ކުރެވޭނެ ކަން ފާހަގަކޮށްފަ އެވެ. އަދި މާދަމާގެ މެޗަށް އެ ޓީމް އޮތީ ވަރަށް ތައްޔާރަށް ކަމަށްވެސް މަރްޔާން ބުންޏެވެ.