17 Mar 2015, 13:01
އާއިލާއަށް ފިލައިގެން އުޅޭ 16 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް 14 ދުވަސް ފަހުން ފުލުހުން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، މި މަހުގެ ތިން ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އާއިލާއަށް ފިލައިގެން ރިޕޯޓްކޮށްގެން ހޯދަމުން ދަނީ ސ. ހިތަދޫ، ސްޕޮންޖުގެ، ފާތިމަތު ރަޝޫފް ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާލޭގައި ދިރިއުޅެމުންދާ އެ ކުއްޖާ ގެއްލުނު އިރު އެންމެ ފަހުން ލައިގެން ހުރީ، ކްރީމް ކުލައިގެ ޓޮޕަކާއި ނޫކުލައިގެ ޖިންސެއް ކަމަށެވެ. އަދި އެކުއްޖާ ވިލިމާލޭގައި އުޅެދާނެ ކަމަށް އާއިލާ އިން ބުނާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން ބުނީ، ފިލައިގެން ހޯދަމުންދާ ރަޝޫފް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމިލޯ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3331510 ނުވަތަ 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
އާއިލާއަށް ފިލައިގެން ދޭތެރެ ދޭތެރެއިން ކުދިން ހޯދަން ފުލުހުން ފޮޓޯ އާއްމު ކުރާ އިރު، އެފަދަ މައްސަލަތަކުގައި ގިނައިން ފިލައިގެން ހޯދަމުންދަނީ 18 އަހަރު ނުފުރޭ ކުޑަ ކުދިންކަން ފާހަގަކޮށްލެވެ އެވެ.