17 Mar 2015, 12:58
ރައްޔިތުންގެ މަޖިލީހުގައި މީޑިއާއަށް ހާސްކޮށްފައިވާ ގެލެރީގައި ތިބެ ހަބަރު ފޮނުވުމުގެ ފުރުސަތު މީޑިއާތަކަށް ހުޅުވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލައިވް ފީޑު ބައެއް ހާލަތްތަކުގައި ކަނޑާލުމުގެ ސަބަބުން ނޫސްވެރިންނަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސީޓީއަކާ ގުޅިގެން މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފައި ވަނީ މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ވަގުތު "މީޑިއާއަށް ހާއްސަކުރެވިފައިވާ މާލަމުގައި ތިބެގެން ހަބަރުތައް ފޮނުވިދާނެ" ކަމަށެވެ.
"މިގޮތުން ހަބަރުތައް ފޮނުވުމުގައި މޯބައިލް ފޯނު އައިޕެޑް އަދި ލެޕްޓޮޕް ފަދަ ވަސީލަތްތައް ބޭނުން ކުރެވިދާނެ." މަޖިލީހުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ހަބަރު ފޮނުވުމުގެ ފުރުސަތު މަޖިލީހުން މީޑިއާތަކަށް ހުޅުވާލާފައިވާ އިރު ފޯނުން ވާހަކަ ދެއްކުމާއި އަޑު ނުވަތަ މަންޒަރު ރެކޯޑު ކުރުމާއި ފޮޓޯ ނެގުން އަދި އިޔާ ޕީސް ބޭނުން ކުރުން މަނާ ވާނެ ކަމަށް ވެސް މަޖިލީހުން ވަނީ ބުނެފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގަވާއިދާހިލާފަށް ހައްޔަރުކޮށްގެން ގެންގުޅު މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރި ދުވަހުގެ ފަހުން ކުރިއަށް ގެންދާ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި އެމްޑީޕީގެ މެންބަރުން ދަނީ މަޖިލީހުގައި އިހުތިޖާޖު ކުރަމުން ނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ފީޑް މީޑިއާތަކަށް ދޫކުރުން މަޖިލީހުން ވަނީ ހުއްޓާލާފަ އެވެ.