17 Mar 2015, 12:56
އަދާލަތު ޕާޓީއާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އާއި ދެމެދު އުފެދިފައިވާ "ދެ ބަސްވުން"ތަކާ ގުޅޭ ގޮތުން އެޕާޓީ އިން އަދިގޮތެއް ނުނިންމާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.
އަދާލަތު ޕާޓީ އިން ސަރުކާރުން ވަކިވުމަށް ނިންމައި އެޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދަނީ ސަރުކާރަށް އިންތިހާއަށް ފާޑުވިދާޅުވަމުންނެވެ. އިމްރާނުގެ ވާހަކަތައް އެމޭރުމުން ހުރި އިރު ދެން އެ ޕާޓީގައި އެންމެ ނުފޫޒު ގަދަކޮށް ހުންނެވި އަދި މިސަރުކާރުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޝަހީމް ވަނީ ސަރުކާރާ ދެކޮޅަށް އިމްރާން ވިދާޅުވާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އިމްރާނު ސަރުކާރަށް ފާޑުކިޔާ އިރު ޝަހީމް ސަރުކާރަށް ސަނާ ކިޔަނީ އެވެ.
އަދާލަތު ޕާޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ "އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިހާތަނަށް ތިކަމާ މެދު މަޝްވަރާކޮށް އެއްވެސް ކަމެއް ނިންމާފައެއް ނުވާ" ކަމަށެވެ.
މަޝްވަރާ މަޖިލީހުން ގޮތެއް ނުނިންމާ ކަމެއްގައި ވަކި ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެ އިމްރާން އެކަމަށް ވަކި ޖަވާބެއް ނުދެއްވި އެވެ.
އަދާލަތު ޕާޓީ އިން މިސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް ސިފަކޮށް މިސަރުކާރަށް ފާޑޫކިޔާ އިރު ޝަހީމް ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގައި ދީނީ ކަންކަން އާލާކޮށް ދެމެހެއްޓުމަށް މިސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ.