17 Mar 2015, 12:50
އަފްގާނިސްތާނު ހަނގުރާމައިގެ މޫނުމަތީގައި މަސައްކަތް ކުރި، މަޝްހޫރު އިނގިރޭސި"ރީތީގެ ރާނީ" ލޭޑީ ޑަޔާނާ އަދި ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުން ޕްރިންސް ހެރީ 10 އަހަރަށް ފަހު ސިފައިންގެ ވަޒީފާ އިން ވަކިވުމަށް ނިންމައިފި އެވެ.
ތިރީސް އަހަރުގެ ހެރީ ބުނީ އަންނަ ޖޫން މަހުން ފެށިގެން ސިފައިންގެ ވަޒީފާ އިން ވަކިވުމަށް ނިންމާފައިވާ ކަމަށާއި އެ ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި ދިރިއުޅުމުގެ އާ މިސްރާބަކަށް ބަދަލުކުރުމަށް އެއީ ނިންމަން ޖެހޭ ނިންމުމެއްކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނަނީ އިނގިރޭސި ސާހީ އާއިލާގެ މަންޒަރުތައް ބަލާ ފަރާތްތަކަށް އެއީ ހައިރާން ކުރުވަނިވި، ނިންމުމެއް ކަމަށެވެ.
ހެރީގެ މިލިޓަރީ ހަޔާތް ނިންމާލަނީ އަންނަ އެޕްރީ އަދި މޭ މަހު އޮންނަ އޮސްޓްރޭލިއާގެ ޑިފެންސް ފޯސް އާ އެކު ހަތަރު ހަފްތާގެ މުއްދަތަށް މަސައްކަތް ކުރުމަށް ފަހު އެވެ.
އިނގިރޭސި ތަހުތާ ހަތަރު ވަނަ އަށް ކައިރީގައި ހުރި، ހެރިންސް ބުނީ އޭނާ އޮސްޓްރޭލިއާ މިލިޓަރީގައި މަސައްކަތް ކުރުމަށް ފަހު، ނިއުޒީލެންޑަށް ރަސްމީ ދަތުރެއް ކުރާނެ ކަމަށާއި އަދި އެއަށް ފަހު އެފްރިކާގެ ސަހާރާ ހިސާބުގައި ހިލޭ ސާބަހަށް މަސައްކަތްތަކެެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި އަހަރު ނިމުމުގެ ކުރީން އިނގިރޭސި ޑިފެންސް މިނިސްޓްރީގެ ރިކަވަރީ ޕްރޮގްރާމްގައި މަސައްކަތްކޮށް، ހަނގުރާމަތަކުގައި ޒަހަމުވެ، އަނިޔާވެ އަދި ބަލި މީހުންނަށް ހިދުމަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ އޭނާގެ ހިތުގެ އިހްސާސާ ގުޅިފައިވާ ކަމެއް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހެރީ ގްރެޖުއޭޓްވީ އިނގިރޭސި އެލީޓް ސޭންޑް ހާސްޓް މިލިޓަރީ އެކަޑަމީ އިންނެވެ. އަދި ވަނީ އޭގެ ފަހުން ދެ ފަހަރެއްގެ މަތީން އަފްގާނިސްތާނުގައި މަސައްކަތްކޮށްފަ އެެވެ. އެއް ފަހަރު ބިންމަތީގެ ހަމަލާތަކުގަ އެވެ. އަދި ފަހުން ވައިގެ ހަމަލާތަކުގަ އެވެ.