17 Mar 2015, 12:37
ގައުމަށް މިއަދު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި ސަރުކާރު ޒިންމާދާރު ކުރުމަށް ހުރިހާ ޕާޓީތަކަށް ވެސް ފުރުސަތުދީގެން އެއްބައިވަންތަކަމުގެ ގުޅުމެއް އުފެއްދުމަށް އަދާލަތު ޕާޓީ އިން އިސްނަގައި އެހެން ޕާޓީތަކަށް ދައުވަތު ދީފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ އެ ޕާޓީއިން ރޭ ނިންމާފައި ވަނީ އަވެރިކަމެއްގެ ވައްޓަފާޅި އިޔާދަވާތަން ފެންނާތީ އެކަން ހުއްޓުވުމަށް އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީ އާއި ޕާޓީގެ އުސޫލްތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން އެކަން ކުރުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމިއްޔާތަކަށް ގޮވާލައި ދައުވަތު ދޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން މިފަދަ މުހިއްމު މަސައްކަތެއް ކުރެވޭނީ ގައުމީ އެއްބައިވަންތަ ކަމުގެ ގުޅުމެއް އުފެއްދިގެން. އެފަދަ މަސައްކަތަކަށް ހުރިހާ ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ލިބިގެން، އަނިޔާއާއި ދެކޮޅަށް ހުރިހާ ރައްޔިތުން ތެދުވެގެން." ޝެއިހް އިމްރާން ވިދާޅުވި އެވެ.
ރާއްޖޭގެ ދުރުނޫން ހިސާބެއްގައި އޮތީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި އެއީ އަނިޔާވެރި ވެރިކަމެއް ކަމަށް ސިފަކޮށް އިމްރާން ވިދާޅުވީ އެދުވަސްތައް އަލުން އިޔާދަވާތަން ފެންނަން ފަށައިފި ކަމަށެވެ.
ޕާޓީތަކުން ގުޅިގެން ސިޔާސީ ހަރަކާތްތައް ގެންދާނީ ކިހިނެއްތޯ ސަން އިން ސުވާލުކުރުމުން އިމްރާން ވިދާޅުވީ އެގޮތް ނިންމާނީ އެގުޅުމުގައި ބައިވެރިވާ ފަރާތްތަކުން ގުޅިގެން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.