17 Mar 2015, 12:34
ގުރުއަތުން ހޮވޭ ފަރާތަކަށް 200،000 ރުފިޔާގެ އަގު ހުރި އިނާމެއް ދޭ ގޮތަށް މޯލްޑިވްސް މެރިން އެކްސްޕޯ 2015 މިއަދު ދަރުބާރުގޭގައި ފަށައިފި އެވެ.
އެ ފެއާ ރަސްމީކޮށް ހުޅުވައި ދެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މި ފެއާ ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައިދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަކީ ކަނޑުދަތުރުފަތުރާ ގުޅުން ހުރި ސިނާއަތްތަކަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
"ސަރުކާރުން ގެންގުޅުއްވާ އިގްތިސާދީ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އޯޝަން އިކޮނަމީ އަކަށް މި ރާއްޖެ މިވަނީ ފައްކާވެފައި،" ސައިދު ވިދާޅުވި އެވެ.
މި ފެއާ ބާއްވާ، ލިވް އެބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ މި ފެއާ ކަނޑުދަތުރުފަތުރުކުރުމާ ގުޅުން ހުރި ސިނާއަތްތަކަށް ކުރިއެރުމާއި ކާމިޔާބު ލިބޭނެ ފެއާއަަކަށް ވެގެންދާނެ ކަަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.
އިސްމާއީލު ވިދާޅުވީ މި އިންޑަސްޓްރީ އަކީ 42 އަހަރުވެފައިވާ އިންޑަސްޓްރީއެއް ކަމަށާއި އެހެން ނަމަވެސް އިންޑަސްޓްރީ އަށް ދިމާވެފައިވާ ބަނދަރުގެ މައްސަލަ އަދި ވެސް ހައްލު ނުވާ ކަމަށެވެ.
ލިވް އެބޯޑް އެސޯސިއޭޝަނަކީ ސަފާރީތަކުގެ ވެރިން ހިމެނޭ ޖަމްއިއްޔާއެކެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މެރިން އެކްސްޕޯ ފެއާގެ ފުރަތަމަ ދެ ދުވަސް ޚާއްސަކޮށްފައި ވަނީ ދައުވަތު ދީގެން ޒިޔާރަތްކުރާ ފަރާތްތަކަށެވެ. ފެއާގެ ފަހު ދުވަސް، މާޗް 19 ވަނަ ދުވަސް ހާއްސަކޮށްފައި ވަނީ އާއްމު ފަރާތްތަކުން ފެއާ އަށް ވަނުމުގެ ފުރުސަތު ދިނުމަށެވެ. ފެއާ ހުޅުވާފައި ހުންނާނެ ގަޑިތަކަކީ ހެނދުނު 10 އިން ހަވީރު 4 އަށް އަދި ރޭގަނޑު 8 އިން 10 އަކަށެވެ.
މި ފެއާ އަށް ޒިޔާރަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 200،000 ރުފިޔާގެ އަގު ހުރި 20 ފޫޓްގެ ޑިންގީއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މިއީ އޮފްޝޯ އިންވެސްޓްމެންޓުން ދޭ އިނާމެކެވެ.
ދެވަނަ އިނާމަކަށް މާކިއުރީ ފޯ ސްޓްރޯކް 60 ހޯސްޕަވަރުގެ އިންޖީނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ހަސަން މެރިންކޯ އިން ދޭ އިނާމެކެވެ.
މި ފެއާގައި އިންޑިޔާގެ ތިން ކުންފުނި އަދި މިސްރުގެ ކުންފުންޏެއް ބައިވެރިވެ އެވެ.
އަދި ތިން ވަނަ އިނާމަކަށް ސީ ގިއާ އިން ހުށަހަޅާފައިވާ ވޭވް ޑާންސް ކަޔަކް އެއް ލިބެ އެވެ.
މެރިން އެކްސްޕޯގެ މެއިން ސްޕޮންސާ އަކީ އެމްޓީސީސީއެވެ. ކޯ ސްޕޮންސަރުންނަކީ ގަލްފް ކްރާފްޓް އަދި މެރިން އިކްޕްމެންޓްސް އެވެ. މިއީ މި ފެއާ ބާއްވާ ދެވަނަ ފަހަރެވެ.